ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މާލީ އުމްރާނީ ވަޞީލަތްތައް ހަރުދަނާކޮށް، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކޮށް ހިންގުމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމެވެ. އަދި ޤައުމީ ޕޭމަންޓް ސިސްޓަމްތަކުގެ ހިންގުމާއި މޮނިޓަރކުރުމުގެ ނިޒާމު އިތުރަށް ފުރިހަމަކުރުން ހިމެނެއެވެ.
މި ބިލުގެ ދަށުން، ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ވަކި ސިސްޓަމެއް ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ލިބިގެންވެއެވެ. އެއާއެކު، ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ މުޢާމަލާތްތަކުގެ ތެރެއިން އެމް.އެމް.އޭ އިން އަންގާ މުޢާމަލާތްތައް، އެ އޮތޯރިޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ ސްވިޗް މެދުވެރިކޮށް ޕްރޮސެސްކުރަން މަޖުބޫރުވާނެއެވެ.
މި ބިލު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާ ގުޅިގެން، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.



