އިސްރާއީލުން ޣައްޒާގައި ހިންގާ ހަނގުރާމައިގައި ގިނަ އަދަދެއްގެ މީހުން ޝަހީދުވަމުންދާތީ، މައްޔިތުން ވަޅުލާނެ ދާއިމީ ޖާގަ ނުލިބި އާއިލާތަކަށް ބޮޑެތި ތަކުލީފުތަކާ ވަނީ ކުރިމަތިވެފައެވެ. މިގޮތުން ޖާގަ ނެތުމުގެ ސަބަބުން ބައެއް މީހުން އެހެން އާއިލީ މެންބަރުންގެ މަހާނަތަކުގައި ވަޅުލަން ޖެހިފައިވެއެވެ. ތަކެއްޗާއި ޖާގައިގެ ދަތިކަމުގެ ސަބަބުން މަހާނަތައް އެކަށީގެންވާ ގޮތުގައި ނުހެދި، ހަމައެކަނި ނަން ލިޔެފައިވާ ގަލަކުން ފާހަގަކުރަން ޖެހިފައިވާއިރު، ވަޅުލުމުގެ ޚަރަދު 700 އާއި 1،000 ޝެކޭލްއާ ދެމެދަށް އުފުލި އާއިލާތަކުގެ އަތްފޯރާ ފަށުން ވަނީ ބޭރުވެފައެވެ.
ހަނގުރާމައިގެ ތެރޭގައި ޚިދުމަތްތައް މެދުކެނޑި، ޙަމަލާތަކުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން އެތައް ހާސް ބަޔަކު ވަޅުލާފައިވަނީ ގޭގޭގެ ގޯތިތެރޭގައާއި، ޓެންޓުތަކާއި، ސްކޫލްތައް އަދި ހޮސްޕިޓަލްތަކުގެ ގޯތިތެރޭގައެވެ.
އެމެރިކާ މެދުވެރިވެގެން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށްފަހު، އާއިލާތަކުން ދަނީ ކުނިބުނީގެ ދަށުންނާއި ވަގުތީ ތަންތަނުން ހަށިތައް ނަގައި ސަހަރާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.ހަނގުރާމަ ހުއްޓާލި ފަހުން ވެސް މަދުވެގެން 1،200 މީހުން ޝަހީދުވެފައިވާއިރު، ހޮސްޕިޓަލްތަކުގެ ގޯތިތެރޭގައި ހުރި ހަތް ޖަމާޢީ ކަށްވަޅަކުން 529 މީހެއްގެ ކަށިތައް މިހާތަނަށް ވަނީ ފެނިފައެވެ.
ޣައްޒާގެ މިނިސްޓްރީ އޮފް އެންޑޯމެންޓްސް އެންޑް ރިލިޖަސް އެފެއާޒުން ބުނާ ގޮތުގައި، އޮކްޓޯބަރު 2023 އިން ފެށިގެން 73,000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އިސްރާއީލުން ވަނީ 40 އަށް ވުރެ ގިނަ ޤަބުރުސްތާނު ސުންނާފަތިކޮށްފައެވެ. އަދި އިސްރާއީލް ސިފައިންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި ހުރި ސަހަރާތަކަށް ވަނުން ވަނީ ހަނިކޮށްފައެވެ. އައުޤާފު މިނިސްޓްރީގެ އޮފިޝަލް އިކްރާމީ އަލް-މަދައްލާލް ވިދާޅުވީ، ހަނގުރާމައިގެ ކުރިންވެސް ގިނަ ސަހަރާތައް ފުރިފައިވާތީ، އައު ސަހަރާތައް ހަދަން މަޖުބޫރުވެ، އެކަމަށް ބިން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކަށްވަޅު ކޮނުމުގައި 19 އަހަރު ހޭދަކޮށްފައިވާ ތަފޭޝް އަބޫ ޙަޠަބް ހާމަކުރި ގޮތުގައި، ޚާން ޔޫނިސް ސަހަރާގައި ހުރި މަހާނައިގެ އަދަދު 60 އިން މިހާރު ވަނީ 6،000 އަށް އިތުރުވެފައެވެ. ހަނގުރާމައިގެ ތެރޭގައި ދުވާލަކު 35 ކަށްވަޅު ކޮންނަން ޖެހުނު ކަމަށާއި، ވަޅުލާ ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، މުޅި އާއިލާތައް އެއްފަހަރާ ޝަހީދުވެގެން ގެނެވޭއިރު، ކަށްވަޅުތައް ހަދަން ޖެހެނީވެސް ސުންނާފަތިވެފައިވާ ގެދޮރުގެ ކުނިބުނީގެ ތެރެއިން ނަގާ ގާތަކުން ކަމަށް އޭނާ ބުންޏެވެ.
މި ލިޔުން ކިޔާލުމުން



