އީރާނުގެ އިޤްތިޞާދަށާއި ޗައިނާ ފަދަ ވިޔަފާރި ބައިވެރިންނަށް އަސަރުކުރާނެ ފަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާއިން ރާވަމުންދާ ރޭވުންތައް އީރާނުން ކުށްވެރިކޮށްފިއެވެ. އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކަށް ހަ މަސް ދުވަސް ވެފައިވާއިރު، ހަމަލާތައް މެދުކެނޑިފައި ވީނަމަވެސް ޞުލްޙައިގެ އެއްވެސް އަލިމަގެއް އަދި ފެންނާކަށް ނެތެވެ.
އީރާނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރަށްފަހު އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާއިރު، އީރާނުގެ ތެލުގެ ބޮޑުބައެއް ގަންނަ ޗައިނާއަށް އެމެރިކާއިން ވަނީ އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. ނަމަވެސް ޗައިނާއިން ޑިޕްލޮމެސީ އިސްކުރަން ބާރުއަޅާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނަށް އެހީވާ ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ، އެމެރިކާއިން އިޤްތިޞާދީ އައު ފިޔަވަޅުތަކެއް އިޢުލާންކުރަން އުޅުމަކީ އދ. ގެ ކޮންމެ މިނިވަން މެންބަރު ޤައުމެއްގެ މައްޗަށް ބާރު ހިންގަން އުޅުން ކަމަށާއި، މިފަދަ ސެކަންޑަރީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަންކަން ކަމަށެވެ. ހަމައެއާއެކު، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙައްސިން ރިޟާއީ ވިދާޅުވީ، އެމެރިކާގެ އިޤްތިޞާދީ ހަނގުރާމައިގައި ބައިވެރިވާ ކައިރި ޤައުމުތަކަކީ ޢަދާވާތްތެރިންގެ ގޮތުގައި ބަލައި އެ ފަރާތްތަކުގެ މަޞްލަޙަތުތަކަށް ތެހެރާނުން ޙަމަލާދޭނެ ކަމަށެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ހޮރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން ވަނީ ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފައެވެ. އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވިދާޅުވި ގޮތުގައި، އެ ކަނޑުއޮޅިން ދުވާލަކު އެވްރެޖްކޮށް ބޭރުކުރެވެނީ 8 މިލިއަން ފީފާ ތެލެވެ. މިއީ ހަނގުރާމައިގެ ކުރިން ބޭރުކުރި 20 މިލިއަނަށްވުރެ ގިނަ ފީފާއާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. ނަމަވެސް ޢިރާޤުގެ އެދުމުގެ މަތިން އެ ޤައުމުގެ ބައެއް ޓޭންކަރުތަކަށް އެ ސަރަޙައްދު ހުރަސްކުރުމުގެ ހުއްދަ އީރާނުން ވަނީ ދީފައެވެ.
ހަމަލާތަކުގެ ސަބަބުން އީރާނުގެ ކަނޑުގެ އަދި ވައިގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، މިސައިލާއި ޑްރޯންގެ ޤާބިލުކަން އަދިވެސް ވަރުގަދަކަމަށް އެ ޤައުމުން ބުނެއެވެ. އެގޮތުން އީރާނުގެ އަސްކަރީ އިސް އޮފިޝަލް އަބްދުﷲއީ ވަނީ، ބިމުގެ އަޑީގެ ކާރުޚާނާތަކުން ކުރިއަށްވުރެ ފެންވަރު ރަނގަޅު އަދި ގިނަ އަދަދެއްގެ މިސައިލް އުފެއްދުމުގެ ކުޅަދާނަކަން ލިބިފައިވާކަން ހާމަކުރައްވާފައެވެ. އަދި ޕާލަމެންޓުގެ ރައީސް ޤާލީބާފް ވިދާޅުވީ ސަރަޙައްދީ އަމަން ގާއިމުކުރެވޭނީ މިނިވަން ސަރަޙައްދީ ނިޒާމަކުން ކަމަށެވެ.
ހަނގުރާމައިގައި އީރާނުގެ ސްކޫލް ކުދިން ހިމެނޭހެން އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އެމެރިކާގެ 18 ސިފައިން މަރުވެ، 750 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ހާލަތު މިހެން އޮތް ނަމަވެސް، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ ޑިޕްލޮމެޓިކް މަގުން ހަނގުރާމަ ނިންމާލުމަށް ގޮވާލައްވާފައެވެ. "އަޅުގަނޑުމެން ބާރުގަދަވެ އިއްޒަތުގައި ތިބި މިދަނޑިވަޅުގައި، މިއަދު މި ހަނގުރާމަ ނިންމާލުން މާ ރަނގަޅުވާނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން



