ރަޝިއާގެ އިގްތިސާދީ އަމާޒުތަކަށް ހަމަލާދީ ޔޫކްރެއިނުން ބޮޑު މުސީބާތެއްގެ ދޮރު ހުޅުވާފައިވާ ކަމަށް ރައީސް ޕުޓިން ވިދާޅުވެ، ޔޫކްރެއިންގެ އެންމެ ނާޒުކު އިގްތިސާދީ ދާއިރާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ.
ޔޫކްރެއިނުން މި ހޫނުމޫސުމުގައި ރަޝިއާގެ ތެޔޮ ސާފުކުރާ ތަންތަނަށާއި ގުދަންތަކަށް ޑްރޯން ހަމަލާތައް އިތުރުކޮށްފައިވާއިރު، ރަޝިއާއިން ވެސް ދަނީ ޔޫކްރެއިނުން ކަޅު ކަނޑު މަގުން ބޭރުކުރާ ގޮވާމުގެ އެކްސްޕޯޓްތަކަށް ހަމަލާދީ ރައްދު ދެމުންނެވެ.
ރަޝިއާގެ ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޕުޓިން ވިދާޅުވީ، ޔޫކްރެއިނުން ރަޝިއާގެ އިގްތިސާދަށް ގެއްލުންދޭން މަސައްކަތްކޮށް އަމިއްލައަށް މުސީބާތަކަށް މަގުފަހިކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ރައްދެއްގެ ގޮތުން ޔޫކްރެއިންގެ އެންމެ ނާޒުކު އިގްތިސާދީ ދާއިރާތަކަށް ހަމަލާ އަމާޒުވާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން، ޔޫކްރެއިންގެ ދަނޑުވެރިކަމުގެ އެކްސްޕޯޓް ހުއްޓުނު ނަމަވެސް، އެ ބައި ފޫބެއްދުމުގެ ގާބިލުކަން ރަޝިއާއަށް ލިބިފައިވާތީ ދުނިޔެއަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެ ކަމަށް ޕުޓިން ފާހަގަކުރެއްވިއެވެ. އަދި މުދާ އެކްސްޕޯޓްކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
ކަޅު ކަނޑު މަގުން ރައްކާތެރިކަމާއެކު ގޮވާން ބޭރުކުރުމަށް ތުރުކީ މެދުވެރިވެގެން ވެފައިވާ އެއްބަސްވުމުން ރަޝިއާ 2023 ވަނަ އަހަރު ވަކިވެފައިވާއިރު، ސުލްހައިގެ ވާހަކަތަކަށް މޮސްކޯ އަދިވެސް ތައްޔާރަށް އޮތް ކަމަށް ޕުޓިން ތަކުރާރުކުރެއްވިއެވެ. އެހެންނަމަވެސް، އެ މަޝްވަރާތައް ވާންވާނީ މެދުވެރިން މެދުވެރިކޮށް ހުށަހަޅާ ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ނޫން ކަމަށާއި، "މައިދާނުގައި ހުރި ހަގީގަތްތަކުގެ" މައްޗަށް ބިނާކޮށް ކަމަށް ޕުޓިން ވިދާޅުވިއެވެ
މި ލިޔުން ކިޔާލުމުން



