ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބާއްވައިފިއެވެ.
ރާއްޖޭގެ އެނެސްތީސިއޮލޮޖިސްޓުންގެ ޖަމުޢިއްޔާ އާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއި ގުޅިގެން މި މަހުގެ 15 އިން 16 އަށް އއ. އުކުޅަހުގައި ބޭއްވި މި ކޮންފަރެންސްގައި ޖުމްލަ 220 ބައިވެރިން ބައިވެރިވިއެވެ. އޭގެ ތެރޭގައި ސާކްގެ އެކި ޤައުމުތަކުން ބައިވެރިވި އެނެސްތީސިއޮލޮޖީ ދާއިރާގެ 190 ތަޖުރިބާކާރުން ހިމެނެއެވެ.
މިގޮތުން އިންޑިޔާ، ޕާކިސްތާން، ބޫޓާން، ސްރީލަންކާ، ނޭޕާލް ފަދަ ގައުމުތަކުގެ ފާހަގަކޮށްލެވޭ ސްޕެޝަލިސްޓް ޑޮކްޓަރުން، ސިއްޙީ ޚިދުމަތްތެރިންނާއި ކީނޯޓް ސްޕީކާރސް ވަނީ ބައިވެރިވެފައެވެ.
މި ކޮންފެރެންސްގައި ރާއްޖޭގައި އެނެސްތީސިއޮލޮޖީ ދާއިރާގައި ކިޔަވައި ދިނުމަށް ހުރި ފުރުސަތުތަކާއި، ކްލިނިކަލް ތަޖުރިބާ، ރިސާރޗާއި، މައުލޫމާތާއި ތަޖުރިބާތައް ހިއްސާކޮށް، މިދާއިރާ ތަރައްގީކުރުމަށް ގައުމުތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް މައުލޫމާތު ބަދަލުކުރެވުނެއެވެ.
އަދި މި ރީޖަންގެ ސްޕެޝަލިސްޓުން މިދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ޕްރޮފެޝަނަލް ނެޓްވޯކްތައް ބިނާކުރުމާއި، އެކި ޤައުމުތަކުގެ ބެސްޓް ޕްރެކްޓިސްތައް ދެނެގަތުމާއި ފުރުޞަތުތައް ހޯދުންވެސް ހިމެނެއެވެ.



