ކުރިމަގުގައި ރާއްޖެ ހަމަ މަގަށް ގެންދިއުމުގެ ހުރިހާ ބާރެއް އޮތީ ދަރިވަރުންގެ އަތްމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ހއ. އުތީމަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން، އެ ރަށުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. ސަރުކާރުގެ ސިޔާސަތަކީ ޒުވާނުންނާއި ދަރިވަރުންގެ އަޑުއަހައިގެން ކަންކަން ރަނގަޅުކުރުން ކަން ފާހަގަކުރައްވައި، ދަރިވަރުން ފާޅުކުރި ޚިޔާލުތަކާއި ޝުޢޫރުތަކަކީ ވަރަށް ސީރިއަސްކޮށް ނަންގަވާނެ ކަންކަން ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ ސްކޫލްގައި ކުޅޭނެ ޖާގައެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ހިއްސާކޮށް، ކުޅޭ ސަރަހައްދުގައި ޓަރފް އަޅައިދިނުމަށާއި، އިންޑޯ ހަރަކާތްތައް ބޭއްވުމަށް ސްކޫލް މަލްޓި ޕަރޕަސް ހޯލެއް ގާއިމުކޮށްދިނުމަށް އެދިފައެވެ. އަދި ދިވެހި ވަޠަނީ ޚިދުމަތުގެ ހަރަކާތުން އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އެދުމުގެ އިތުރުން، "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން އުތީމު ސްކޫލް އޭސީ ކުރެވުމުން ލިބެމުންދާ ފަސޭހަތަކަށްޓަކައި ރައީސަށާއި ސަރުކާރަށް ދަރިވަރުން ޝުކުރު އަދާކުރިއެވެ.
ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ހެދުމަށް މިވަގުތު ބަޖެޓު ކުރެވިފައި ނެތް ނަމަވެސް، އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ޕްރޮގްރާމެއް ކަމަށާއި، އަހަރަކު 1000 ކުދިން ތަމްރީނު ކުރެވޭއިރު، ފުރުސަތު ހުޅުވާލާ ކޮންމެ ފަހަރަކުވެސް ބޭނުންވާ ވަރަށްވުރެ ދެގުނަ އިތުރަށް ކުދިން ކުރިމަތިލާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއާއެކު ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދެއްވައި، އެކުދިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވިއެވެ.



