"ވާރލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ އޮފިޝަލް ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައި، ވިޒިޓް މާލްޑިވްސް ކޯޕަރޭޝަން އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ވީއެމްސީގެ ފަރާތުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ސޮއިކުރެއްވިއިރު، އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާއެވެ.
މި ޕާޓްނަޝިޕްގެ ދަށުން، އުރީދޫގެ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކާއި މުވާސަލާތީ ޚިދުމަތްތައް މެދުވެރިކޮށް މި ބައިނަލްއަޤްވާމީ ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް އެހީތެރިވެދޭނެއެވެ. އުރީދޫ ބިޒްނަސްއަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ އައިސީޓީ ސޮލިއުޝަންތަކާއި، މެނޭޖްޑް ސާވިސަސް އަދި ޑޭޓާ ސެންޓަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިތުބާރު ލިބިފައިވާ ފަރާތެކެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވީއެމްސީގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ، މިފަދަ ބޮޑު އިވެންޓެއް ބާއްވާއިރު ވަރުގަދަ ޑިޖިޓަލް ކަނެކްޓިވިޓީއެއް އޮތުން މުހިންމު ކަމަށާއި، އުރީދޫއާއެކު މަންދޫބުންނާއި މީޑިއާތަކަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އުރީދޫގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާވެސް ވަނީ ވާލްޑް ޓްރެވަލް އެވާރޑްސްގެ ޑިޖިޓަލް ޕާޓްނަރަށް ވުމަކީ ލިބޭ ފަޚުރެއްކަން ފާހަގަކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކަށް އެހީތެރިވެ، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ޝަރަފެއް ކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ވާރލްޑް ޓްރެވަލް އެވޯޑްސްގެ 2026 ވަނަ އަހަރުގެ އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން އެޑިޝަން ރާއްޖޭގައި ބޭއްވުމަކީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ.



