ވަޒީފާގެ މާހައުލުގައި މިއަދު އެންމެ މުހިންމު އެއް ސިފައަކީ މުޢާމަލާތުކުރުމުގެ ހުނަރު ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ވާހަކަދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ހީނާ ވިދާޅުވި ގޮތުގައި، ވާހަކަދެއްކުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ވަކި ފަންނެއްގެ ގޮތުގައި ބަލައިގަނެވިފައިވާ ކަމެކެވެ. އެގޮތުން، އެހެން މީހުންގެ ކުރިމަތީގައި ވާހަކަދައްކަން ތެދުވާ މީހެއްގެ ކިބައިގައި އެންމެ ފުރަތަމަވެސް ހުންނަންޖެހޭ ސިފައަކީ ކެރުންތެރިކަމާއި ހިތްވަރެވެ.
ތަޤުރީރުކުރުމަކީ ހަމައެކަނި އެއްޗެއް ދަސްކޮށްގެން ގޮސް ބަސްތަކެއް އަމުނާލުން ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެއީ ތިމާގެ ސިކުނޑީގައިވާ ފިކުރާއި މަޢުލޫމާތު، އަޑުއަހާ މީހުންގެ އިޙްސާސްތަކާ ކުޅެލެވޭފަދަ ގޮތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މިއީ އުފެދެމުން އަންނަ ޖީލުތަކުގެ ކިބައިގައި އަށަގަންނުވަންޖެހޭ މުހިންމު ތަރުބަވީ ސިފައެއް ކަމަށާއި، ދިރިއުޅުމުގައި ކާމިޔާބީއާ ހަމައަށް ދެވޭނީ އަނެކުންނާއެކު ރަނގަޅަށް މުޢާމަލާތުކުރަން އެނގިގެން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވާހަކަދެއްކުމުގެ މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ކުދިންގެ ކިބައިގައި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކޮށް، މީހުންގެ ކުރިމަތީގައި ބަސްބުނުމުގެ ކެރުންތެރިކަން އިތުރުކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޕޯޑިއަމްގައި ހުރެ ދައްކާނެ ރަނގަޅު ވާހަކައެއް ތައްޔާރުކުރުމަށްޓަކައި މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތު ތަރުތީބުކުރަން ވިސްނާ ވިސްނުމުގެ ސަބަބުން ކުދިންގެ ފާޑުކިޔުމުގެ ފިކުރު ތަރައްޤީވެ، ކަންކަން ޙައްލުކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.



