އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، ލިޔުންތެރިކަމާއި ކިޔުންތެރިކަމަކީ މާތްﷲ އިންސާނުންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ނިޢުމަތެކެވެ. ވަޒީރު މިހެން ވިދާޅުވީ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ 39 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އިސްލާމްދީނުގައި ކިޔުންތެރިކަމާއި، ލިޔުންތެރިކަމުގެ އިތުރުން ފަޞާޙާތްތެރިކަމާއި ބަލާޢާތްތެރިކަމަށް ބޮޑު ސަމާލުކަމެއް ދީފައިވާކަން ފާހަގަކުރައްވަމުން، އިސްލާމީ މަތިވެރި ރިސާލަތުވެސް ފެށިގެންއައީ ކިޔުމަށް އިރުޝާދު ދެއްވަމުންކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންނަށް މުޚާތަބުކުރައްވައި، މޮޅު ވާހަކަދެއްކުންތެރިއަކަށް ވުމަށްޓަކައި ގިނަގިނައިން ފޮތްކިޔުމާއި، ތަފާތު ތަޤުރީރުތައް އަޑުއެހުމާއި، ދަސްކުރުމުގެ އިތުރުން ޢަމަލީ ގޮތުން ތަމްރީނުވުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ހަތަރު ކަންތަކަށް ސަމާލުކަން ދީފިނަމަ ދަރިވަރުންނަށް ވާހަކަދެއްކުމުގެ ހުނަރުން މަތީ މަޤާމުތަކަށް ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދިވެހި ޤައުމިއްޔަތާއި އިސްލާމީ އަސާސްތައް ދިރުވައި ދެމެހެއްޓުންކަން ފާހަގަކުރައްވަމުން، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ މަސައްކަތްތައް ބައްޓަންކުރެވިފައިވަނީވެސް އެ އަމާޒަށްކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، މި މުބާރާތުގެ ޚާއްޞަ ވަނަތަކަށް އެ ވުޒާރާގެ ފަރާތުން ޚާއްޞަ އިނާމެއް ދެއްވާނެކަންވެސް ވަޒީރު ވަނީ އިޢުލާނުކުރައްވާފައެވެ.



