ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން މަޖިލީހުގެ އިދާރާއިން ވަނީ މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އީމެއިލް މެދުވެރިކޮށް ނުވަތަ އެ އިދާރާއަށް ލިޔުމުން ފޮނުވައިދިނުމަށް އެދިފައެވެ.
ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރެވެ. މި އިޞްލާޙު ހުށަހެޅުމުގެ މައިގަނޑު މަޤުޞަދެއްގެ ގޮތުގައި ބުނެފައިވަނީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ގާނޫނީގޮތުން ކަށަވަރުކުރުމެވެ.
މި ބިލުގެ ދަށުން، ސަރުކާރުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް، ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިންވެސް، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކާއެކު ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރެވޭނެ އެވެ. މީގެ އިތުރުން، ރައްޔިތުންގެ މަންފާއަށް ހިންގާ މަޝްރޫއުތަކަށް ކައުންސިލްތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށާއި، މަގުބޫލު ސަބަބެއް ނެތި އެފަދަ މަސައްކަތްތަކަށް ހުރަސްއެޅުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.



