ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ކައުންސިލްތަކުގެ އިހްތިސޯސުން ވަކިކޮށް، ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ބަލައިގަނެފައެވެ. ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފެންނަކަމަށް 55 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. ބިލު ބަލައިގަތުމާ ގުޅިގެން އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައެވެ.
މި އިސްލާހުގައިވާ ގޮތުން، ސަރުކާރުން ތަރައްގީގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ހާލަތެއްގައި، ކައުންސިލުގެ އިހްތިސޯސުން އެ ބިމެއް ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެއެވެ. އަދި ވަޒީރުންގެ މަޖިލީހުން ނިންމާ ގޮތުގެ މަތިން ކަމާބެހޭ ޤައުމީ އިދާރާއިން ކައުންސިލަށް އެންގުމުން، އެ ބިމެއް ކައުންސިލުގެ މިލްކިއްޔާތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމަކަށް ބަދަލުވާނެއެވެ. މީގެ އިތުރުން، ރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ނުފެށި ނަމަވެސް، ސަރުކާރުން އެދޭ ހާލަތްތަކުގައި މަޝްރޫއަށް ބޭނުންވާ ބިން ކައުންސިލުން ހަވާލުކުރަންޖެހޭނެ ކަމަށްވެސް އެ ބިލުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން، ކައުންސިލަރުންގެ ސުލޫކީ މިންގަނޑަށްވެސް އިސްލާހެއް ގެންނަން ވަނީ ހުށަހަޅާފައެވެ. އެގޮތުން ރައްޔިތުންގެ ޖަމާއީ މަންފާއަށް ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ކައުންސިލަރުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށާއި، މަގުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫއުތަކަށް ހުރަސްއެޅޭ ފަދަ ނިންމުންތައް ނިންމުމަކީ ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.



