ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 3،000 އަށް އަރާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިއީ ހަމައެކަނި ތަފާސްހިސާބުގެ ނަންބަރުތަކެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ 3،000 އާއިލާއަކާއި ކުދި ވިޔަފާރިވެރިން ރެޔާއިދުވާލު ކުރި ބުރަ މަސައްކަތުން ހޯދި ފައިސާ، މަކަރާއި ހީލަތުގެ ދަލުގައި ޖެހި ބޭކާރުވެގެންދިޔަ ހިތާމަވެރި ހާދިސާތަކެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި 3،000 މައްސަލައިގައި އާންމުންގެ އަތުން ޖުމްލަ 35,144,703.32 ރުފިޔާ ވަނީ ގެއްލިފައެވެ. މީގެ ތެރެއިން ފުލުހުންނަށް މިހާތަނަށް އަނބުރާ ހޯދިފައިވަނީ 13,296,072.51 ރުފިޔާއެވެ.
މި މައްސަލަތަކުގެ ތެރެއިން ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވަނީ 1,196 މައްސަލައެއްގައެވެ. އަދި 279 މައްސަލައެއްގައި ފައިސާގެ ބައެއް ހޯދިފައިވާއިރު، ފުލުހުން ބުނީ މިއީ ފައިސާ ގެއްލުމަށްފަހު އެ އަނބުރާ ހޯދުމަކީ ކިހާ ބުރަ މަސައްކަތެއްކަން ހާމަކޮށްދޭ ހެއްކެއް ކަމަށެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތަކެވެ.
މިގޮތުން އީ-ކޮމާސް ސްކޭމްގެ 1,478 މައްސަލައާއި، ބޭރު ފައިސާ މާރުކުރުމުގެ ސްކޭމްގެ 540 މައްސަލައިގެ އިތުރުން އެކި ފަރާތްތަކުގެ ނަމުގައި އޮޅުވާލައިގެން ހިންގި (އިމްޕަރސަނޭޝަން) ސްކޭމްގެ 439 މައްސަލަ ވަނީ ހުށަހަޅައިފައެވެ.
މިފަދަ އޮޅުވާލުންތައް ހިންގުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ސޯޝަލް މީޑިއާ މަންސަތަކެވެ. އެގޮތުން ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް 1,093 މައްސަލަ އަދި ވައިބަރ މެދުވެރިކޮށް 911 މައްސަލަ ވަނީ ހިންގާފައެވެ. މީގެ އިތުރުން ފޯނު ކޯލް، އައިބޭ، ޓެލެގްރާމް، ވަޓްސްއަޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް އަކީވެސް މިފަދަ ޖަރީމާތަކަށް ބޭނުންކުރާ ވަސީލަތްތަކެވެ.
ފުލުހުން ވަނީ މިފަދަ ކަންކަމަށް އާންމުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ ތެދު މައުލޫމާތު ކަމަށް ނުބެލުމަށާއި، ފައިސާ ފޮނުވުމުގެ ކުރިން މުއާމަލާތް ކުރެވެނީ ކާކާތޯ ޔަގީންކުރުމަށް ވަނީ އެދިފައެވެ. އަދި އޯޓީޕީ، ޕާސްވޯޑް ނުވަތަ ބޭންކިންގ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށާއި، ޝައްކުއުފެދޭ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރުމަށް ފުލުހުން އިރުޝާދު ދެއެވެ.



