ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ނ. ހެނބަދޫގައި ފެނަކަ ކޯޕަރޭޝަނުން ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޕާކު ހުޅުވުމަށްޓަކައި އިއްޔެ ހެނބަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕާކު ހުޅުވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިންއާއި، ރައްޔިތުންގެ މަޖިލީހުގެ ކެނޑިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ޙުސައިންގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމްއެވެ.
މި ޕާކަކީ ރަށްރަށުގެ އިޖުތިމާޢީ ދިރުން އާލާކޮށް، ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ބިނާކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ހިންގުނު މަޝްރޫޢެކެވެ. މިއީ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން، ރަށުގެ ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ފެނަކައާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
ޕާކު ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ހެނބަދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވެފައިވެއެވެ. މި ޕާކާއެކު އެ ރަށުގެ ކުޑަކުދިންނަށް ކުޅިވަރުކުޅެ، ހިތްހަމަޖައްސާލުމަށް ރައްކާތެރި އަދި ޒަމާނީ ފެންވަރުގެ މާޙައުލެއް ލިބިގެންދާނެއެވެ.



