ޖަޕާނުގެ ދެކުނުގެ ރަށެއް ކަމަށްވާ އޮކިނާވާއަށް ބާރުގަދަ ތޫފާން 'ޑޮލްފިން' އަރައި، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ތޫފާނުގެ ސަބަބުން މިހާތަނަށް ފަސް މީހަކަށް އަނިޔާވެ، 14,000 އަށްވުރެ ގިނަ އިމާރާތުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނި ގޮތުގައި، މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އޮކިނާވާ އައިލެންޑާއި ކަގޯޝިމާ ޕްރިފެކްޗާގެ އަމާމީ އައިލެންޑަށެވެ. އަނިޔާވި ފަސް މީހުންނަކީވެސް އުމުރުން ދުވަސްވީ މީހުން ކަމަށާއި، އޭގެ ތެރެއިން ތިން މީހަކު ވެއްޓިފައިވަނީ ގަދަ ވަޔާ ގުޅިގެން ކަމަށް އޮކިނާވާގެ ސަރުކާރުން ބުނެއެވެ. ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ތޫފާނުގެ ސަބަބުން ޖަޕާނާއި، ޗައިނާ އަދި ތައިވާނުގެ ފްލައިޓްތައް ވަނީ ކެންސަލްކޮށްފައެވެ. ތައިވާނުން އެކަނިވެސް ބައިނަލްއަގުވާމީ 63 ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ.
'ޑޮލްފިން' މި ތޫފާނަށް ނަން ދެވިފައިވަނީ ހޮންކޮންގްގެ ހުދު ކުލައިގެ ޑޮލްފިންއަށް ނިސްބަތްކޮށެވެ. މި ތޫފާން އައިސްފައިވަނީ އިރުމަތީ އޭޝިއާއަށް ކުރިމަތިވެފައިވާ ރެކޯޑް މިންވަރެއްގެ ހޫނުގަދަ ދުވަސްވަރެއްގައެވެ. މި ހޫނުގެ ސަބަބުން ޖަޕާނުގެ ޒުލެއްގައި ތިބި ތިން ސިންގާ މަރުވެފައިވާއިރު، ދެކުނު ކޮރެއާއިން 20 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ޖުލައި 26 ވަނަ ދުވަހު އުފެދުނު މި ތޫފާން ހޮނިހިރު ދުވަހު ހުރީ އޮކިނާވާގެ ކޫމޭ އައިލެންޑުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 160 ކިލޯމީޓަރު ދުރުގައެވެ. ތޫފާނުގެ މެދުގައި ވައިގެ ބާރުމިން ހުރީ ގަޑިއަކު 162 ކިލޯމީޓަރުގައެވެ.
މިހާރު މި ތޫފާން ދަތުރުކުރަމުންދަނީ ޗައިނާގެ އިރުމަތީ އައްސޭރިއާ ދިމާލަށެވެ. މީގެ ސަބަބުން ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ލެވެލް-3 ގެ އިމަޖެންސީއެއް އިއުލާންކޮށްފައެވެ. ތޫފާން އެންމެ ބޮޑަށް އަރާނެ ކަމަށް ލަފާކުރެވެނީ ޒެޖިއަންގް ޕްރޮވިންސްގެ ޒޫޝާން ސިޓީއާއި ފުޖިއަން ޕްރޮވިންސްގެ ފުޑިންގް ސިޓީއާ ދެމެދުގެ ސަރަހައްދަށެވެ.
ތޫފާނާ ގުޅިގެން ޒެޖިއަންގް ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކަށް 600 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ. މިކަމާ ގުޅިގެން އެ ޕްރޮވިންސްގެ ބަނދަރުތަކާއި، ސްކޫލްތަކާއި، ފެރީގެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. އަދި ނިންގްބޯ ލިޝޭ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައްވެސް ވަނީ މެދުކަނޑާލާފައެވެ.
މީގެ އިތުރުން، ތައިވާން ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ޗައިނާގެ ޓްރެފިކް ކޮންޓްރޯލް އިރުޝާދުތަކަށް ތަބާވުމަށް ޗައިނާއިން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް ތައިވާނުން ވަނީ މިކަމާ ދެކޮޅު ހަދައި، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއްގައި އެފަދަ އަމުރެއް ކުރުމުގެ ހައްގު ޗައިނާއަށް ނޯންނާނެ ކަމަށް ބުނެފައެވެ.



