ޤާނޫނަށް އަހުލުވެރި، ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި، ބަންޑާރަނައިބުގެ އޮފީހުން ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ކެމްޕޭން، "އެނގުމަކީ ބާރެއް" އިފްތިތާޙުކޮށްފިއެވެ.
އޭޖީ އޮފީހުން ހާމަކުރި ގޮތުގައި ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން، ވިލާތުގެ އިއްތިހާދު (އީޔޫ) ގެ މާލީ އެހީތެރިކަމާއެކު ހިންގާ "އެއިމް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ މި ކެމްޕޭނުގެ މައިގަނޑު މަޤުޞަދަކީ ޤާނޫނީ މަޢުލޫމާތު އާންމުންނަށް ފަސޭހައިން ފޯރުކޮށްދީ، ޤާނޫނުތަކަށް އާންމު ރައްޔިތުން އަހުލުވެރިކުރުވުމެވެ.
އަދި ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގި، ދިރިއުޅުމުގެ ތަފާތު ކަންކަމުގައި އިތުބާރާއެކު ނިންމުންތައް ނިންމުމުގެ ޤާބިލުކަން ހޯދައިދިނުމަކީވެސް މި ކެމްޕޭންގެ މަޤުޞަދެކެވެ.
އޭޖީ އޮފީހުން މަޢުލޫމާތު ދިން ގޮތުގައި މި ކެމްޕޭނުގެ ދަށުން ސޯޝަލް މީޑިއާގެ އިތުރުން، އާންމުންނާ ހަމައަށް ސީދާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ހަރަކާތްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށްގެން ހޭލުންތެރިކުރުމުގެ އިވެންޓްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގެ ތެރެއިން އާންމު ދިރިއުޅުމާ ގުޅުންހުރި މުހިންމު ޤާނޫނީ މަޢުލޫމާތުތައް ފަސޭހައިން އޮޅުންފިލާނެ ގޮތްތަކަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އޭޖީ އޮފީހުން ބުނީ ޤާނޫނީ ނިޒާމަށް އާންމުންގެ އިތުބާރު ބޮޑުކުރުމަށާއި، ޤާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވުމަކީ އެ އޮފީހުން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާނެ އެއް މަސައްކަތް ކަމަށެވެ.



