ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަޢާރަފުކުރުމުގެ މަޝްރޫޢާއެކު، 15 ރަށަކާއި ފަޅެއްގައި ރިސޯޓު ތަރައްޤީކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޓޫރިޒަމް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
މިނިސްޓްރީގެ އިޢުލާނުގައިވާ ގޮތުން ހަލާލް ޓޫރިޒަމަށް ޚާއްޞަކޮށްގެން ތިން ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. އެއީ ހދ. މަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި، ލ. ފޮނަގާދޫގެ 8.18 ހެކްޓަރުގެ ބިމެއްގެ އިތުރުން ސ. ދޮންހެރައިގެ 10.23 ހެކްޓަރުގެ ސަރަޙައްދެކެވެ. އިސްލާމީ އުޞޫލުތަކާ އެއްގޮތަށް 50 އަހަރުގެ މުއްދަތަށް ހިންގާ މި ރިސޯޓުތަކުގައި އޫރުމަހާއި ރާ ވިއްކުން މަނާވާނެއެވެ. އަދި ހަލާލް ސެޓްފިކެޓް ހުރި ކާބޯތަކެތި ފޯރުކޮށްދިނުމާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ޚިދުމަތްތައް ދިނުމުގެ އިތުރުން މުވައްޒަފުންނާއި ފަތުރުވެރިންނަށް ވަކިން ދެ މިސްކިތް ބިނާކުރުން ލާޒިމުވެއެވެ.
މީގެ އިތުރުން އުތުރުގެ އަތޮޅުތަކުން 200 ހެކްޓަރުގެ 10 ފަޅެއްވެސް ރިސޯޓު ހެދުމަށް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހއ. މާދުނި ފަރުން ތިން ފަޅު، ހދ. މަކުނުދޫ ފަރާއި މާފަރުން ހަތަރު ފަޅު، އަދި ށ. ގޮނާ ފަރުން ތިން ފަޅު ހިމެނެއެވެ. މަދުވެގެން 150 އެނދު ތަރައްޤީކުރަންޖެހޭ މި ފަޅުތަކުގެ ލީސް އެކިއުޒިޝަން ކޮސްޓަކީ 1.5 މިލިއަން އާއި 2.1 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެކެވެ.
ވަކިވަކި ރަށްތަކުގެ ތެރެއިން ށ. ނަލަންދުއަށް ބިޑުކުރާ ފަރާތްތަކުގެ މާލީ ޤާބިލުކަން 10 މިލިއަން ޑޮލަރަށް ހުންނަންޖެހޭއިރު، މުޅި މާކެޓުގައި އެންމެ އަގުބޮޑުކޮށް ހުޅުވާލި ނ. ފަރުމުލީގެ ލީސް އެކިއުޒިޝަން ކޮސްޓަކީ 2.25 މިލިއަން ޑޮލަރެވެ.
މި ހުރިހާ ސަރަޙައްދެއްގައިވެސް ބިން ހިއްކައިގެން ރިސޯޓު ތަރައްޤީކުރުމަށް 36 މަސްދުވަސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތްތަކަށް ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް ނިންމާފައިވާއިރު، އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން 15 އިންސައްތައިގެ ލުޔެއް އަދި ހަލާލް ޓޫރިޒަމް މަޝްރޫޢުތަކަށް 20 އިންސައްތައިގެ ލުޔެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މިއަހަރުގެ ނޮވެމްބަރު 17 އިން 23 އާ ދެމެދުގެ ތާރީޚުތަކެވެ.



