މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށްޓަކައި ހުޅުމާލޭގައި ޚާއްޞަ "ރޯޑްޝޯ" އެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފިއެވެ.
ހުޅުމާލެ ޓްރެފިކް ފުލުހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަގުމަތީގެ އެކްސިޑެންޓްތައް މަދުކޮށް، އެންމެންނަށް އަމާން އަދި ރައްކާތެރި މަޢުހައުލެއް ގާއިމުކުރުމާއެކު ބަދަހި މުޖުތަމައެއް ބިނާކުރުމެވެ.
ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ހުޅުމާލެ ޕޮލިސް ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަރަކާތުގެ ތެރެއިން ފުލުހުން ވަނީ މަގުމަތިން ދަތުރުފަތުރުކުރާ އުޅަނދުތައް ދުއްވާ ފަރާތްތަކާއި ހިނގާބިނގާވެ އުޅޭ އާންމުންނާ ބައްދަލުކޮށް، ސަލާމަތީ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އެގޮތުން، އުޅަނދު ދުއްވުމުގައި އަމިއްލަ އަދި އަނެކުންގެ ރައްކާތެރިކަމަށް އިސްކަންދިނުމަށާއި، ކަނޑައެޅިފައިވާ ސުޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުމަށާއި، ނުރައްކާތެރިކޮށް އުޅަނދު ނުދުއްވުމަށް އިރުޝާދު ދީފައިވެއެވެ. އަދި މަގުހުރަސްކުރާ މީހުންނަށް އިސްކަންދީގެން އުޅަނދު ދުއްވުމަށްވެސް ނަސޭހަތްތެރިވެފައިވެއެވެ.
އޭގެ އިތުރުން، ހިނގާބިނގާވެ އުޅޭ ފަރާތްތަކުންވެސް ދުއްވާ އެއްޗެއްސަށް ސަމާލުކަންދިނުމަށާއި، މަގުހުރަސްކުރާއިރު މަގުގެ ދެކޮޅު ރަނގަޅަށް ބަލައި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



