މީހުން ޓްރެފިކް ކުރުމާއި ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުން (މައިގްރަންޓް ސްމަގްލިން) ހުއްޓުވުމަށް، ތަހުގީގީ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ހިންގި ހާއްސަ ވޯކްޝޮޕް މިއަދު ނިންމާލައިފިއެވެ.
މި މަހުގެ 4 އިން 6 އަށް ހުޅުމާލޭގެ ސަމާން ހޯސްޓްގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި ރާއްޖޭގެ އެހެނިހެން ތަހުގީގީ އިދާރާތަކާއި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުން 20 އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މިއީ ޔޫރަޕިއަން ޔޫނިއަން އިން ފަންޑުކޮށްގެން ދެކުނު އޭޝިއާ ސަރަހައްދުގައި ހިންގާ "ޕްރިވެންޓިންގ އެންޑް އެޑްރެސިންގ ޓްރެފިކިންގ އިން ހިއުމަން ބީންގްސް އެންޑް ސްމަގްލިންގ އޮފް މައިގްރަންޓްސް އިން ސައުތު އޭޝިއާ" މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. މިއީ ކުށް ދެނެގަތުމާއި، ތަހުގީގުކުރުމުގެ ހުނަރުތައް ކުރިއެރުވުމާއި، މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ކާމިޔާބުކަމާއެކު ތަހުގީގުތައް ފުރިހަމަކުރުމުގެ ގާބިލުކަން އިތުރުކުރުމުގައި ގައުމުތަކަށް އެހީތެރިވުމަށް ހިންގާ މަޝްރޫއެކެވެ.
ޔޫއެންއޯޑީސީގެ ލޯ އެންފޯސްމަންޓް އެޑްވައިޒަރު މާކަސް ޕައެސް ވިދާޅުވީ، މީހުން ޓްރެފިކް ކުރުމުގެ މައްސަލަތައް ކާމިޔާބުކަމާއެކު ތަހުގީގުކުރުމަކީ ހަމައެކަނި އަނިޔާ ލިބުނު މީހާގެ ބަޔާނުން ނިންމާލެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ތަހުގީގީ އޮފިސަރުންނަށް މިދިން ތަމްރީނުގެ ސަބަބުން، ހެކިތަކުގެ މައްޗަށް ބިނާކޮށް ތަހުގީގު ފުރިހަމަކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ތަމްރީނުގައި ޔޫއެންއޯޑީސީގެ މާހިރުން މައުލޫމާތު ދެއްވިއިރު، އަމަލީ ގޮތުން ކުރިއަށް ގެންދިޔަ ތަމްރީނުތަކާއި ތަޖުރިބާ ހިއްސާކުރުމުގެ ސެޝަންތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.



