ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަގުސަދަކީ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމެވެ.
މި އިސްލާހުގައިވާ ގޮތުން ކައުންސިލްގެ އިހުތިސާސްގެ ތެރޭގައިވާ ބިމެއްގައި ސަރުކާރުން މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ނަމަ، އެ ތަނެއް ކައުންސިލްގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެއެވެ. އަދި ކަމާބެހޭ ޤައުމީ އިދާރާއިން އެންގުމާއެކު އެ ބިމެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެއެވެ. މީގެއިތުރުން ރަށެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްނުވި ނަމަވެސް، ސަރުކާރުގެ މަޝްރޫއަކަށް އެދިއްޖެ ނަމަ ބިން ހަވާލުކުރުން ލާޒިމުވާ އަދި މަގުބޫލު ސަބަބެއް ނެތި މަޝްރޫއުތަކަށް ހުރަސްއެޅުމާއި، މަޝްރޫއު ހުއްޓޭފަދަ ނިންމުންތައް ނިންމުން ކައުންސިލްތަކަށް މަނާކުރުންވެސް މި އިސްލާހުގައި ހިމެނެއެވެ.



