އިންޑޮނޭޝިޔާގެ ސުރަބާޔާ އިން މަކަސާރަށް ދަތުރުކުރި ފެރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެ، 41 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ރިޕޯޓްކޮށްފިއެވެ.
"ކޭއެމްޕީ މުތިއާރާ ސެންޓޯސާ 2" ނަމަކަށް ކިޔާ މި ފެރީގައި ހާދިސާ ހިނގިއިރު ޖުމްލަ 271 މީހުން ތިބި ކަމަށް ސާޗް އެންޑް ރެސްކިއު އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރެއިން 225 މީހުން މިހާތަނަށް ސަލާމަތް ކުރެވިފައިވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ.
އިންޑޮނޭޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ އީސްޓް ޖާވާގެ ސުރަބާޔާ އިން ސައުތު ސުލަވެސީގެ މަކަސާރަށް ދަތުރުކުރަނިކޮށް ފެރީގައި އަލިފާން ރޯވިކަން ރިޕޯޓްކުރީ އެ އުޅަނދުގެ ކެޕްޓަނެވެ.
ސުރަބާޔާ ސާޗް އެންޑް ރެސްކިއު އޮފީހުގެ ވެރިޔާ ނަނަންގް ސިގިތު ވިދާޅުވި ގޮތުގައި، ހާދިސާ ހިނގި ސަރަހައްދުގައި އޮތް ބައެއް އެހެން އުޅަނދުފަހަރުން ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި "ޓީބީ ހަސްނޫރު 26" އަދި "ބްރިޓިޝް މެންޓޯ" ހިމެނެއެވެ. މި އުޅަނދުފަހަރުން އަންނަނީ ފެރީން މޫދަށް ފުންމާލި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފެރީގެ މަތީ ޑެކުން ކަޅު ދުންތައް އަރަމުންދާއިރު، ލައިފް ޖެކެޓް އަޅައިގެން ތިބި ފަސިންޖަރުން ފެރީގެ އެއްފަރާތަކަށް އެއްވެފައި ތިއްބެވެ.
އިންޑޮނޭޝިޔާގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ސީނިއާ އޮފިޝަލެއް ކަމަށްވާ މުހައްމަދު މަޝްހޫދު ވިދާޅުވީ، ފަސިންޖަރުންނާއި ފަޅުވެރިންގެ ސަލާމަތަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަވަސްކޮށް، ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގި ސަރަހައްދަށް ދަތުރުކުރާ ސާޗް އެންޑް ރެސްކިއު އުޅަނދު "އެސްއޭއާރް 249 ޕާމަޑީ" އަށް އެ ސަރަހައްދަށް ދެވޭނީ ގާތްގަނޑަކަށް ހަ ގަޑިއިރުން ކަމަށް ލަފާކުރެވޭ ކަމަށްވެސް އޮފިޝަލުން ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން



