ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، މާލީ މުޢާމަލާތްތައް ވެސް ހިންގޭފަދަ "ސްމާޓް އައިޑީ ކާޑެއް" ތަޢާރަފުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.
"ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މުހިންމު ދާއިރާތައް ޑިޖިޓަލައިޒް ކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ކުރިއަށްދާއިރު، އައިޑީ ކާޑުގެ ނިޒާމު ޒަމާނީކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށެވެ. މިއީ ފައިސާގެ މުޢާމަލާތްތަކުގެ އިތުރުން އެކި ތަފާތު ޚިދުމަތްތައް ވެސް ލުއިފަސޭހަކަމާއެކު ލިބޭނެ ގޮތަށް ފަރުމާކުރެވޭ ކާޑެކެވެ.
މީގެ އިތުރުން، ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ސިޔާސަތުގެ ދަށުން ވަކިވަކި މުއައްސަސާތަކުން ދޭ ޚިދުމަތްތައް އެއް ވިއުގައެއްގެ ދަށަށް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.



