އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިސްރާއީލު ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެގައުމުގެ ވައިގެ ދިފާއީ ނިޒާމަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި ޗައިނާގެ ވައިގެ ދިފާއީ މިސައިލް ސިސްޓަމްތަކެއް ހޯދުމުގެ އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ ކޮނޑަށްލައިގެން ފޮނުވާލެވޭ ގޮތަށް އުފައްދާފައިވާ މިސައިލްތަކެކެވެ. މި އެއްބަސްވުމުގެ ދަށުން 300 އާއި 400 އާ ދެމެދުގެ އަދަދަކަށް މިސައިލް ސިސްޓަމް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގެ އަގު 60 އާއި 70 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ. މި މުއާމަލާތުގެ ދަށުން އީރާނަށް ލިބޭނީ ޗައިނާގެ QW-12 އަދި FN-16 މަރުކާގެ މިސައިލް ސިސްޓަމްތަކެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި އެއްބަސްވުން ގާއިމުކޮށްފައިވަނީ ހޮންކޮންގުގެ ކުންފުންޏެއް މެދުވެރިކޮށެވެ.
ނަމަވެސް، ޗައިނާގެ ހާރިޖީ ވުޒާރާއިން ވަނީ މި ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ. މީގެ އިތުރުން، މި މިސައިލްތައް ޕާކިސްތާނު މަގުން އީރާނަށް ގެންދާ ކަމަށް ދެކެވޭ ވާހަކަތައް ޕާކިސްތާނުގެ އަސްކަރިއްޔާއިންވެސް ވަނީ ދޮގުކޮށްފައެވެ.
މި ސިސްޓަމްތަކަކީ ތިރިން އުދުހޭ ބޯޓުފަހަރާއި، ހެލިކޮޕްޓަރު އަދި ޑްރޯންތަކަށް ހަމަލާދިނުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ، އެއްތަނުން އަނެއްތަނަށް ފަސޭހައިން އުފުލޭ ނިޒާމުތަކެކެވެ. އަސްކަރީ މާހިރުން ފާހަގަކުރާ ގޮތުގައި، ބޮޑެތި އެއާ ޑިފެންސް ސިސްޓަމްތަކާ އަޅާބަލާއިރު މިފަދަ ކުދި ނިޒާމުތަކަކީ ހަމަލާތަކުން ރައްކާތެރިވުމަށް ފަސޭހަ އަދި މާ ހަލުވި ނިޒާމުތަކެކެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނުގެ އަސްކަރީ އަދި ދިފާއީ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން އެ ގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ގެއްލުންތަކާ ގުޅިގެން އީރާނުގެ ދިފާއީ ބާރު އަލުން ވަރުގަދަކުރުން ވަނީ މަޖުބޫރުވެފައެވެ. އެގޮތުން އަލަށް ތައާރަފުކުރާ ސިސްޓަމްތަކަކީ އެ ގައުމުގެ ވައިގެ ސަރަހައްދު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
މި ލިޔުން ކިޔާލުމުން



