މާލެ ސަރަހައްދުގެ މަސްވެރިންނަށް ބޮޑު ފަސޭހައެއް ފޯރުކޮށްދިނުމުގެ ގޮތުން، ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކުމުގެ ހިދުމަތް މިފްކޯއިން ވަނީ ފަށާފައެވެ. ކަނޑުއޮތްގިރި ފިޝް ވިލެޖުގައި 25 ޓަނުގެ އައިސް ޕްލާންޓަކާއެކު ހިކިމަސް ކާރުހާނާއެއް ހުޅުވާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ކާރުހާނާގައި މިހާރު ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާއިރު، ކުރިއަށް އޮތް ތަނުގައި ރިހާކުރާއި މުގުރި މަސް ފަދަ ބާވަތްތައްވެސް އުފައްދަން ފަށާނެ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.
މީގެ ކުރިން ކޫއްޑޫއިން މާލެއަށް މުދާ ގެނައުމުގައި ދިމާވި ލޮޖިސްޓިކް ދަތިތަކަށް މި ކާރުހާނާގެ ސަބަބުން ބޮޑު ހައްލެއް ލިބި، މާލެ ސަރަހައްދުގެ ބާޒާރަށް މެދުނުކެނޑި ތަކެތި ފޯރުކޮށްދެވޭނެއެވެ. އަދި މީގެ ސަބަބުން ކޫއްޑޫގެ އުފެއްދުންތައް ދެކުނުގެ އަތޮޅުތަކަށް ހާއްސަކުރުމަށް މަގުފަހިވެގެންދާނެއެވެ. މިފްކޯއިން ބުނި ގޮތުގައި، ކަނޑުއޮތްގިރީގައި މިހާރު ކުރިއަށްދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމުމުން، އެ ރަށް ވެގެންދާނީ ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރު ޤައުމުތަކަށް އެކްސްޕޯޓު ކުރާ މައި ހަބަކަށެވެ.



