އާދީއްތަ ދުވަހުގެ ފަތިހު ރޫސީވިލާތުގެ ފައުޖުތަކުން ޔޫކްރޭނުގެ ވެރިރަށް ކިއެވްއަށާއި އެކި ސިޓީތަކަށް އަމާޒުކޮށް ވަރުގަދަ ބެލިސްޓިކް މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފިއެވެ. ޔޫކްރޭނުގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދޭގޮތުގައި، މި ހަމަލާތަކުގައި ޔޫކްރޭނުގެ އެކި ސަރަޙައްދުތަކުން މަދުވެގެން 6 މީހުން މަރުވެފައިވެއެވެ.
ކިއެވްއަށް ދިން ބެލިސްޓިކް މިސައިލް ހަމަލާތަކުގެ ސަބަބުން ބައެއް އިމާރާތްތަކުގައި ރޯވެ، ތިން މީހަކު ޒަޚަމްވެފައިވެއެވެ. ޔޫކްރޭނުގެ ވައިގެ ސިފައިން ބުނާގޮތުގައި، ރޫސީވިލާތުން ރޭގަނޑުގެ އެކި ވަގުތުތަކުގައި 7 ބެލިސްޓިކް މިސައިލާއި 136 ޑްރޯން ޔޫކްރޭނަށް ފޮނުވާލާފައިވެއެވެ.
އުތުރުގެ ސިޓީއެއް ކަމަށްވާ ޗެރްނީހިވްގައި ހުރި ސުޕަރމާކެޓަކަށް ރޫސީވިލާތުގެ ޑްރޯނެއް ވެއްޓުމުގެ ސަބަބުން 9 އަހަރުގެ ކުޑަކުއްޖަކާއެކު ދެ މީހުން މަރުވެ، 25 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާތަކަކީ ފަހަކަށް އައިސް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްދިން އެންމެ ވަރުގަދަ ހަމަލާތަކުގެ ތެރޭގައި ހިމެނޭ ހަމަލާތަކެކެވެ.
އިރުމަތީގެ ސިޓީއެއް ކަމަށްވާ ޚާރްކީވްއަށް ދިން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެ 16 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. ހަމައެއާއެކު، ދެކުނުގެ ސިޓީއެއް ކަމަށްވާ ޒަޕޮރީޒިއާއަށް ދިން ގްލައިޑް ބޮމުގެ ހަމަލާއެއްގައިވެސް އެކަކު މަރުވެ 6 މީހުން ޒަޚަމްވިއެވެ. ސްލޮވިއަންސްކްގައި ހިނގި ހަމަލާއެއްގައި، އަސަރުކުރި އާންމުންނަށް އެހީތެރިވާން އުޅުނު ޔޫކްރޭނުގެ ޤައުމީ ތެލާއި ގޭސް ކުންފުނީގެ ދެ މުވައްޒަފުންވެސް ވަނީ މަރުވެފައެވެ.
ރޫސީވިލާތުން ބުނާގޮތުގައި، އެމީހުންގެ ކޮންޓްރޯލްގެ ދަށުގައިވާ ހޯރްލިވްކާ ސިޓީއަށް ޔޫކްރޭނުން ދިން ޑްރޯން ހަމަލާއެއްގައި 4 އާންމުން މަރުވެފައިވެއެވެ. މީގެ އިތުރުން، ރޫސީވިލާތުން ކޮންޓްރޯލްކުރާ ޒަޕޮރީޒިއާގެ ސަރަޙައްދެއްގައިވާ ޗުއްޓީ ހޭދަކުރާ ކޭމްޕަކަށް ޔޫކްރޭނުން ހޮނިހިރު ދުވަހު ދިން ހަމަލާއެއްގައި 12 މީހުން މަރުވިކަމަށް ރޫސީވިލާތުން ވަނީ ތުހުމަތުކޮށްފައެވެ.
ދެފަރާތުންވެސް އާންމުންނަށް އަމާޒުވާގޮތަށް ހަމަލާދޭކަމަށް އިންކާރުކުރި ނަމަވެސް، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރޫސީވިލާތުން ފެށި މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް އާންމުންނެއް ވަނީ މަރުވެފައެވެ.



