ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސަޢޫދީގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދެވެ. އިއްޒުއްދީން ފާލަމަށް އެމަނިކުފާނު ފައިބާވަޑައިގަތުމުން އިސްތިޤުބާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ. އަދި ރައީސްގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އިސްތިޤްބާލުކުރެއްވީ ހެރިޓޭޖް މިނިސްޓަރ ހީނާ ވަލީދާއި، ޑިފެންސް މިނިސްޓަރ ޙަސަން ރަޝީދުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ރަސްމިއްޔާތު ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އަރުވައި، 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އެއަށްފަހު، ސިފައިންގެ ހެވިކަމުގެ ލަޝްކަރާއި 15 ސްކޫލެއް ހިމެނޭ ގައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގާލުމުގައިވެސް ރައީސަށް ރިޔާސީ ކުރުނީޝެއް އެރުވިއެވެ.
މި އިހުތިފާލުގައި ޝަހީދު ޢަލީ ސްކޫލް، ރެހެންދި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުންގެ ހަރަކާތްތަކުގެ އިތުރުން އެމްއެންޑީއެފްގެ ހަރަކާތަކާއި ހޭވައްލާ ގުރޫޕުގެ ޘަޤާފީ ހުށަހެޅުމެއް ފެނިގެންދިޔައެވެ. އަދި މައިދާނީ ކުޅިވަރުތައް ނިންމާލާފައިވަނީ ކުލަގަދަ ހަވާ އެރުވުމުގެ ހަރަކާތަކުންނެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާން އަދި ވަޒީރުންނާއި ދައުލަތުގެ އިސްވެރިންނާއި ބޭރު ޤައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.



