އެމެރިކާއިން އީރާނާ ދެކޮޅަށް ދެމުންދިޔަ ހަމަލާތައް މިވަގުތަށް މެދުކަނޑާލާފައިވީ ނަމަވެސް، މެދުއިރުމަތީގެ މަސްރަހު މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް ގޯސްވެފައެވެ. ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ތެޔޮ ކާރުޚާނާތަކަށް ހަމަލާދިނުމާއި، ކެސްޕިއަން ކަނޑުގައި އޮތް އީރާނުގެ އުޅަނދަކަށް ޔޫކްރޭނުން ހަމަލާދިން ކަމަށް އީރާނުން ތުހުމަތުކުރުމާ ގުޅިގެން ސަރަހައްދީ ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ޖެހިޖެހިގެން 13 ރޭ ވަންދެން ކުރިއަށްގެންދިޔަ ހަމަލާތައް މިހާރު ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް، އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް އަދިވެސް ދެމިއޮތް ކަމަށް އެމެރިކާއިން ބުނެއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް އޮފިޝަލަކު ވިދާޅުވީ "ޓްރަމްޕް އެންމެ އިސްކަމެއް ދެއްވަނީ ޑިޕްލޮމެސީއަށް" ކަމަށާއި، ނަމަވެސް މަޝްވަރާތަކަށް ނައިސްފިނަމަ ވާނެ ގޮތް އީރާނަށް މިހާރު ދައްކަވާފައިވާނެ ކަމަށެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނގުރާމަ ފުޅާވުމާއި އެމެރިކާގެ ހަތިޔާރުގެ ރިޒާވް މަދުވަމުންދާތީ ރައީސް ޓްރަމްޕާއި އޭނާގެ މުޝީރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނައިބު ރައީސް ޖޭ.ޑީ. ވެންސް އާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑެން ކޭން ވަނީ މި މައުލޫމާތު ޓްރަމްޕާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ގަލްފުގެ އިއްތިހާދީ ގައުމުތަކާ ގުޅުން ގޯސްވުމާއި ހަކަތައިގެ ވަސީލަތްތަކަށް ލިބިދާނެ ގެއްލުމަކަށް ވެސް އެމެރިކާއިން ވިސްނަމުންދެއެވެ.
ޔަމަނުގެ ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ހާމަކުރި ގޮތުގައި، ސައޫދީ އަރަބިއްޔާގެ ޖީޒާން އާއި ޔަންބުއާގައިވާ އަރާމްކޯގެ ވަސީލަތްތަކަށް ވަނީ ހަމަލާދީފައެވެ. ޖީޒާންގެ ކާރުޚާނާއަކުން ގިނަ ދުންތަކެއް އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ. މިއީ ދުވާލަކު 400,000 ފީފާގެ ތެޔޮ ސާފުކުރުމުގެ ގާބިލުކަން ހުރި ތަނެއް ކަމަށް ޚަބަރު ލިބެއެވެ. ޔަންބުއާއަށް އަމާޒުކޮށް ދިން ދެ މިސައިލެއް ވައިގެ ތެރޭގައި ނައްތާލާފައިވާއިރު، އެއީ ހޯރްމުޒް ކަނޑއޮޅި ބަންދުވެއްޖެ ހާލަތެއްގައި ސައޫދީން ތެޔޮ ބޭރުކުރަން ބޭނުންކުރާ މުހިންމު ބަނދަރެކެވެ.
ކެސްޕިއަން ކަނޑުގައި އޮތް އީރާނުގެ ވިޔަފާރި އުޅަނދަކަށް ޔޫކްރޭނުން ހަމަލާދީފައިވާ ކަމަށް ބުނެ އީރާނުން ވަނީ ޔޫކްރޭނުގެ ޗާޖޭ ޑިއަފެއާޒް ހާޒިރުކޮށް އިހުޖުތިޖާޖުކޮށްފައެވެ. މި ހަމަލާގައި އެކަކު މަރުވެ، އިތުރު މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޔޫކްރޭނުގެ ރައީސް ޒެލެންސްކީ ވަނީ ރަޝިޔާއިން އެ ގައުމުގެ ސެޓެލައިޓް މައުލޫމާތު އީރާނަށް ފޯރުކޮށްދެމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ. "މިއީ މެދުއިރުމަތީގައި ހަމަލާތައް ދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކުރާ ކަމެއް" ކަމަށް ޒެލެންސްކީ ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



