ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް އުތުރު ކޮރެއާގެ އިތުރު 30,000 ސިފައިން ގެނައުމަށް ރަޝިޔާއިން ބޭނުންވާކަމަށާއި، އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް ޔޫކްރޭނުގެ ރައީސް ވޮލޯޑިމީރް ޒެލެންސްކީ ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.
ރައީސް ޒެލެންސްކީ ހާމަކުރެއްވި ގޮތުގައި، މި ސިފައިން ބަލައިގަތުމަށްޓަކައި ރަޝިޔާގެ ވޮރޯނެޒް ސަރަހައްދުގައި މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ތައްޔާރީތައް ވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. "ރަޝިޔާއާއި އުތުރު ކޮރެއާގެ ގުޅުން އަޅުގަނޑުމެންނަށް އެބަފެނޭ. ރަޝިޔާއިން ބޭނުންވަނީ އުތުރު ކޮރެއާގެ އިތުރު 30,000 ސިފައިން ގެންނަން،" ޒެލެންސްކީ ވިދާޅުވިއެވެ.
ދެގައުމުގެ މެދުގައި ވެވިފައިވާ ދިފާއީ އެއްބަސްވުމުގެ ދަށުން، 2024 ވަނަ އަހަރު ޔޫކްރޭނުން ރަޝިޔާގެ ކުރުސްކް ސަރަހައްދަށް ދިން ހަމަލާތައް ފަހަތަށް ޖެއްސުމަށް އެހީތެރިވުމުގެ ގޮތުން އުތުރު ކޮރެއާއިން ވަނީ އަންދާޒާކުރެވޭ ގޮތުގައި 14,000 ސިފައިން މީގެ ކުރިން އެ ސަރަހައްދަށް ފޮނުވާފައެވެ. މީގެ އިތުރުން، އުތުރު ކޮރެއާއިން ދަނީ ރަޝިޔާއަށް ބެލިސްޓިކް މިސައިލް ފޮނުވާ އާ ލޯންޗަރުތަކެއް ފޯރުކޮށްދިނުމަށްވެސް ތައްޔާރުވަމުންނެވެ.
މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ސަރަހައްދީ ނުރައްކަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، މިއީ ހަމައެކަނި ޔޫކްރޭނަށް އޮތް ނުރައްކަލެއް ނޫން ކަމަށެވެ. ރަޝިޔާއިން ދަނީ އުތުރު ކޮރެއާ ސިފައިންނަށް ހަނގުރާމައިގެ ތަމްރީނުތައް ދިނުމުގެ އިތުރުން އެމީހުންގެ ހަތިޔާރުތައް ތަރައްގީކޮށް، ހަނގުރާމައިގެ ހަގީގީ ތަޖުރިބާ ހޯދައިދިނުމަށް އެހީތެރިވަމުންނެވެ.
ޒެލެންސްކީ ފާހަގަކުރެއްވި ގޮތުގައި، މީގެ ސަބަބުން އުތުރު ކޮރެއާގެ މިސައިލްތައް ފޯރާ ހިސާބުގައިވާ އޭޝިއާގެ ކޮންމެ ގައުމަކަށްވެސް ނުރައްކާ އެބައޮތެވެ. ޔޫކްރޭނުގެ ރައީސް އިތުރަށް ވިދާޅުވީ، މި ނުރައްކަލާ ކުރިމަތިލުމަށް ޔޫކްރޭނުން އެކަށީގެންވާ ރައްދު ދޭނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން



