ޣައްޒާ ހިސާރުކޮށް ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުގެ އިސްތިއުމާރީ ދައުލަތުން ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަރަންޓުގެ ޚިދުމަތް މެދުކެނޑި، އާންމު ރައްޔިތުންނަށް ވަނީ ބޮޑެތި ތަކުލީފުތަކާއި ކުރިމަތިވެފައެވެ. މިގޮތުން ފްރިޖް ބޭނުންނުކުރެވުމުގެ ސަބަބުން އާންމު ދިރިއުޅުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ޚާއްޞަކޮށް މިހޫނު މޫސުމުގައި، ވަކި ފިނިހޫނުމިނެއްގައި ބަހައްޓަން ޖެހޭ ކާބޯތަކެއްޗާއި ބޭސް ފަދަ ތަކެތި ރައްކާކުރުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަން އާއިލާތަކަށް ވަނީ ޖެހިފައެވެ.
ޚީމާތަކުގެ ތެރޭގައި ހޫނުމިން މަތިވުމުގެ ސަބަބުން ކާބޯތަކެތި އަވަހަށް ހަލާކުވެ، ގިނަ އަދަދެއްގެ ކާނާ އުކާލަން ޖެހެއެވެ. މީގެ އިތުރުން ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން މެއްސާއި މީދާ ފަދަ ތަކެތީގެ ނުރައްކާ ބޮޑުވެފައިވާއިރު، ހަކުރުބައްޔާއި ލޭމައްޗަށް ދިއުން ފަދަ ބަލިތަކަށް ބޭނުންވާ ބޭސްތައް ފިނިކޮށް ނުބެހެއްޓުމުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ.
ބޯފެނުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، އަވީގައި ހޫނުވެފައިވާ ތާންގީތަކުން ފެން ބޯންޖެހުމަކީ ސިއްޙީ ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެކެވެ. ކަރަންޓު ނެތުމުގެ ސަބަބުން ގޭގޭގައި ހުރި ފްރިޖްތައް މިހާރު ބޭނުންކުރަނީ ހަމައެކަނި ތަކެތި އަޅާ އަލަމާރިއެއްގެ ގޮތުގައެވެ. ބައެއް ފަރާތްތަކުން ވިޔަފާރީގެ އުސޫލުން ޖެނެރޭޓަރު ބޭނުންކޮށްގެން ފެން ފިނިކޮށްދިނުމުގެ ހިދުމަތް ދިންކަމުގައިވީ ނަމަވެސް ، ތެލުގެ އަގު ބޮޑުވުމުން މިޚިދުމަތް ހޯދުމަކީ އާންމުންނަށް އަތްފޯރާ ފަށުގައި އޮތް ކަމެއް ނޫނެވެ.
މި ހާލަތުގެ ސަބަބުން އާންމުންގެ އާދަކާދަތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުންނާއި ކާނާ އިސްރާފުވުން ހުއްޓުވުމަށް ، ގިނަ އާއިލާތަކުން މިހާރު ކައްކަނީ އެއްވަގުތުން ކައި ނިންމާލެވޭނެ މިންވަރަށެވެ.



