އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ސީރިޔާއަށް ތާރީޚީ ރަސްމީ ޒިޔާރަތެއް ފައްޓަވައިފިއެވެ. މިއީ ފާއިތުވި 17 އަހަރުގެ ތެރޭގައި އދ.ގެ އެންމެ އިސްވެރިޔަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. ދިމިޝްޤުގެ އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސީރިޔާގެ ޚާރިޖީ ވަޒީރު އަސާދު އަލްޝައިބާނީއެވެ. މި ޒިޔާރަތަކީ ސީރިޔާގެ މަޝްރަޙާ ގުޅޭގޮތުން ކުރެވޭ މުހިންމު ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ގުޓެރެސް ސީރިޔާގެ ރައީސް އަޙްމަދު އަލްޝަރާޢާ ބައްދަލުކުރައްވަންވަނީ ހަމަޖެހިފައެވެ. 2024 ވަނަ އަހަރު ބައްޝާރު އަލްއަސަދުގެ ވެރިކަން ނިމުމަކަށް އައި ފަހުން، ރައީސް އަލްޝަރާޢު ގެންދަވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު އޮންނަ ގުޅުންތައް އަލުން އާލާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި ޒިޔާރަތަކީ އެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަމުގައިވަނީ ބެލެވިފައެވެ.
ގުޓެރެސްގެ މިދަތުރުފުޅުގައި އަލަށް އިންތިހާބުވި ސީރިޔާގެ ގާނޫނު ހަދާ މަޖިލީހުގައި ތަޤްރީރު ކުރެއްވުމުގެ އިތުރުން، ގޯލާން އުސްބިމުގައި ހަރަކާތްތެރިވާ އދ.ގެ ސުލްހަ ބަލަހައްޓާ ލަޝްކަރުގެ މަސައްކަތްތައްވެސް ބައްލަވާލައްވާނެއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގެ މަޤްޞަދަކީ ހަނގުރާމައިން އަރައިގަނެ، އަމާން އަދި ފާގަތި މުސްތަޤްބަލެއް ބިނާކުރުމަށް ސީރިޔާއަށް ހުރި ފުރުޞަތުތައް ފާހަގަކުރުމެވެ.
މި ޒިޔާރަތް ކުރިއަށްދާ ދަނޑިވަޅުގައި ސީރިޔާގެ ސަލާމަތީ ކަންކަން ނާޒުކު ހާލަތަކަށްވެއްޓިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ފްރާންސްގެ ރައީސް ހުންނެވި ހޮޓެލް ކައިރީގައި ދާދިފަހުން ބޮމެއް ގޮއްވާލާފައިވާއިރު، ސީރިޔާގެ ސަލާމަތީ ބާރުތަކުން ވަނީ އެ ހަމަލާގެ ފަހަތުގައިވާ އައިއެސްއަށް ނިސްބަތްވާ ގުރޫޕެއް ހައްޔަރުވެސް ކޮށްފައެވެ



