ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ދިވެހި ތަރިކައަށް ޚާއްސަ ސިފަތައް ހޯދައި ދެނެގަތުމަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ "ސިގްނޭޗަރ ރިސަރޗް" ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ކުރި އިޢުލާނެއްގައިވާ ގޮތުން، މި ސްކޮލަރޝިޕަށް ފޯމު ހުށަހެޅުމުގެ އައު ސުންގަޑިއަކީ 04 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
މި ސްކޮލަރޝިޕަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) މެދުވެރިކޮށް "މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް" ސަނަދު ހާސިލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފުރުސަތެކެވެ. ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ދިވެހި ތަރިކައިގެ ޢިލްމު އުފެއްދުމާއެކު، މި ދާއިރާއިން ޤާބިލު ތަރިކަވެރީންތަކެއް ބިނާކުރުމެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ރިސަރޗް މަސައްކަތުގައި ކޮންމެ މަހަކު ދެ ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ޢަމަލީ ގޮތުން މަސައްކަތްކުރަން ޖެހޭނެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ދިރާސާކުރާނެ މައުޟޫޢު ކަނޑައަޅާނީ އެ މަރުކަޒުންނެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ތަރިކައިގެ ދާއިރާގެ ފަންނުތައް ފުންކޮށް ދަސްކުރުމުގެ ފުރުސަތާއި، ޢިލްމީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.
މި ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކުގެ ކޯސް ފީ ދެއްކުމާއި، ދިރާސާކުރާނެ ތަނާއި ވަސީލަތްތައް ހަމަޖައްސައިދިނުމަކީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ޒިންމާއެކެވެ. މީގެ އިތުރުން، ކޮންމެ މަހަކު ރިސަރޗް ރިޓްރީޓް ޕްރޮގްރާމްތައް ހިންގައި، ބައިވެރިން ދާއިރާގެ ޢިލްމަށް އަހުލުވެރިކުރުވުން ވެސް އެ މަރުކަޒުން ކުރިއަށް ގެންދާނެއެވެ.
ސްކޮލަރޝިޕްގެ ބައިވެރިން ކޯސް ފުރިހަމަކުރުމުގެ އިތުރުން، ކޮންމެ މަހަކު އެއް ދިރާސާ ކަރުދާސް ތައްޔާރުކޮށް ޝާއިޢުކުރަން ޖެހެއެވެ. އަދި ތަރިކައިގެ ދާއިރާގެ މައިގަނޑު އެއް ފޮތް ދިވެހިބަހަށް ތަރުޖަމާކޮށް، ދިވެހިރާއްޖެއާ ގުޅޭ ކޮމެންޓްރީއެއް ތައްޔާރުކުރުމަކީ ވެސް ލާޒިމު ކަމެކެވެ. ކޯސް ނިންމުމަށްފަހު ދެ އަހަރު ދުވަހުގެ މުއްދަތަށް ތަރިކައިގެ ދާއިރާއަށް ޚިދުމަތްކުރަން ޖެހޭނެއެވެ.
މި ސްކޮލަރޝިޕަށް ކުރިމަތިލެވޭނީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކޮށްފައިވާ ދިވެހިންނަށެވެ. ސްކޮލަރޝިޕަށް އެދި ހުށަހަޅާނީ އޮންލައިން ފޯމު މެދުވެރިކޮށެވެ.



