ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސްޓޭޓްފާމާ ގެ ފާމަސީތަކުން ލިބެން ހުންނަ ބޭހުގެ މައުލޫމާތާއި، އެ ބޭސްތައް ލިބެން ހުންނަ ފާމަސީތަކާއި އަގުތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލާލެވޭނެ ހާއްސަ ޕޯޓަލްއެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރަން ވަނީ ތައްޔާރުވެފައެވެ.
ސްޓޭޓްފާމާގެ މީޑިއާ އޮފިޝަލް ވިދާޅުވި، މި ގާއިމްކުރާ ޕޯޓަލް އަކީ ކޮންމެ ތާކު ހުރެގެންވެސް ރައްޔިތުމީހާއަށް ބޭނުންވާ ބޭސް ލިބެން ހުންނަ ފާމަސީއާއި އެ ބޭސް ލިބެން ހުންނަ އަގު ބަލާލެވޭނެ ގޮތަށް ފަރުމާކުރަމުންދާ ޕޯޓަލްއެއް ކަމަށެވެ.
ސްޓޭޓްފާމާއަކީ ރާއްޖޭގައި ބޭހުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ބޭނުމުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދެވި ކުންފުންޏެކެވެ. އެގޮތުން، މީގެ ކުރިން އެސްޓީއޯއިން ހިންގަމުން އައި ރާއްޖޭގެ ހުރިހަ ބޭސްފިހާރަތަކާއި މުވައްޒަފުން ވަނީ މި ހިނގާ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށްފައެވެ.



