މޯލްޑިވްސް އިމިގްރޭޝަންގެ މުއްސަނދި ތާރީޚާއި އައިސްފައިވާ ކުރިއެރުންތައް ދައްކުވައިދޭ ދާއިމީ މައުރަޒު، "އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ" ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު، އަލްއުސްތާޛު ޢަލީ އިޙްސާން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ. މި މައުރަޒު އިފްތިތާޙުކޮށްދެއްވީ މޯލްޑިވްސް އިމިގްރޭޝަންގެ މައި އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
"އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ" އަކީ ވޭތުވެދިޔަ ހަތް ދަހަރުގެ ތެރޭގައި އެ މުއައްސަސާގެ މުއްސަނދި ތާރީޚާއި، ހާސިލުކޮށްފައިވާ މުހިންމު ކާމިޔާބީތަކާއި، އައިސްފައިވާ ބަދަލުތައް ރައްކާތެރިކޮށް ދައްކުވައިދިނުމަށް ޤާއިމުކުރެވުނު ތަނެކެވެ. މައި އޮފީހުގައި ދާއިމީ މައުރަޒެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ މި މަގުން ދަތުރުކުރާއިރު، 1950 ވަނަ އަހަރު އިމިގްރޭޝަން އުފެދުނީއްސުރެ މިއަދާ ހަމައަށް މުއައްސަސާ ބައްޓަންކުރުމުގައި ހިއްސާވި ފަރާތްތަކާއި، ހޯދާފައިވާ ކުރިއެރުންތަކާއި ޒަމާނީ އީޖާދުތަކުގެ ތާރީޚީ ދަތުރު ފެނިގެންދާނެއެވެ.
މި މައުރަޒުގައި 1950 ގެ އަހަރުތަކުން ފެށިގެން 2020 ގެ އަހަރުތަކާ ހަމައަށް އިމިގްރޭޝަންގެ ތާރީޚު ތަރުތީބުން ފެންނަން ހުންނާނެއެވެ. 'ފްރޮމް ދަ އާކައިވް' ގެ ނަމުގައި ޚާއްޞަކޮށްފައިވާ ބައިގައި ތާރީޚީ ފޮޓޯތައް ހިމެނޭއިރު، މުއައްސަސާގެ ކުރިއެރުމަށް މަސައްކަތް ކުރެއްވި އޮފިސަރުންގެ ހަނދާންތައް ދައްކުވައިދެއެވެ. މީގެއިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އިމިގްރޭޝަންގެ ޚިދުމަތްތައް ފުޅާވެފައިވާ މިންވަރާއި، މިހާރު ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބެން ހުރި ރަށްތައް އަންގައިދޭ ރާއްޖޭގެ ޗާޓެއްވެސް ހިމެނެއެވެ.
އަދި މުއައްސަސާގެ މައިގަނޑު މަސްއޫލިއްޔަތުތައް ކަމަށްވާ ދިވެހި ޕާސްޕޯޓުގެ ޚިދުމަތާއި، ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި، އިންޓެލިޖެންސް އޮޕަރޭޝަންތަކާއި، ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ އިތުރުން ސްމާޓް ވިސާގެ ޚިދުމަތްތަކަށް ޚާއްޞަ ބައިތަކެއް ހިމެނެއެވެ. 'އެޗީވްމަންޓް ގެލެރީ' އިން މުއައްސަސާގެ ބޮޑެތި ކާމިޔާބީތައް ފާހަގަކޮށްފައިވާއިރު، އެންމެފަހު ބައިގައި އަލިއަޅުވާލާފައިވަނީ ރައްޔިތުންނަށް އަވަސް އަދި ރައްކާތެރި ޚިދުމަތެއް ދިނުމަށް މިހާރު ބޭނުންކުރަމުންދާ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ މައްޗަށެވެ.
މި ރަސްމިއްޔާތުގައި އިމިގްރޭޝަނަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުން ބައިވެރިވެވަޑައިގެން، އެބޭފުޅުންގެ ޚިދުމަތުގެ ދުވަސްވަރުގެ ހަނދާންތައް އައު ކުރެއްވިއެވެ. އަދި މުއައްސަސާގައި މެދުނުކެނޑި 28 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަމުންދާ އޮފިސަރުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ބޭފުޅުންވެސް މި ޙަފުލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔަރޑް) އަޙްމަދު ފަސީޙް ވަނީ މި މަޝްރޫޢު ކާމިޔާބުކުރުމަށް މަސައްކަތްކުރި ޓީމުތަކުގެ ނިހާޔަތަށް އަގުވަޒަންކުރައްވާފައެވެ. ތާރީޚީ ލިޔެކިއުންތަކާއި އާކައިވް މެޓީރިއަލްތައް އެއްކޮށް ސައްޙަކަން ކަށަވަރުކުރުމަކީ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވަމުން، "އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ" ގެ މައިގަނޑު މަޤްޞަދަކީ މުއައްސަސާގެ މުއްސަނދި ތާރީޚު ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފެންނާނެހެން ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ" އަކީ މޯލްޑިވްސް އިމިގްރޭޝަން މިއަދު ފެންނަން އޮތް ފެންވަރަށް ގެނައުމުގައި އެކި ދުވަސްވަރު މަސައްކަތް ކުރެއްވި އޮފިސަރުންނާއި މުވައްޒަފުންގެ އިޚްލާޞްތެރި ޚިދުމަތުގެ ހަނދާނުގައި ބިނާކޮށްފައިވާ ތަނެއްކަން އިމިގްރޭޝަނުން ވަނީ ފާހަގަކުރައްވައިފައެވެ.



