ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދީ، އަވަސް އަދި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު، އަލްއުސްތާޛު ޢަލީ އިޙްސާނެވެ.
އަލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، އިސްރަށްވެހިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން، ފޮޓޯ ނެގުމާއި އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމަށް އެހީތެރިވާނެ ޚާއްޞަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އަދި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން މަޑުކޮށްލައިގެން ތިބޭ ސަރަޙައްދު އިތުރަށް ފުރިހަމަކޮށް، އާންމު މަޢުލޫމާތާއި އިރުޝާދު ދިނުމަށް ޚާއްޞަ އިންފޮމޭޝަން ކައުންޓަރެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ރިޓަޔަރޑް އަޙްމަދު ފަސީޙް ވަނީ، ދިވެހި ރައްޔިތުންނާ އެންމެ ބޮޑަށް ގުޅިފައިވާ މި ޚިދުމަތް އަބަދުވެސް ތަރައްޤީކޮށް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
"ދިވެހި ޕާސްޕޯޓުގެ ޚިދުމަތަކީ އަޅުގަނޑުމެން ރައްޔިތުންނަށް ސީދާ ފޯރުކޮށްދޭ އެންމެ މުހިންމު އެއް ޚިދުމަތް. މިއަދު ރާއްޖޭގެ ގިނަ އަތޮޅަކުން މި ޚިދުމަތް ލިބެން ހުރިއިރު، އަޅުގަނޑުމެން ދަނީ އިތުރަށް މި ޚިދުމަތް ފުޅާކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ރައްޔިތަކަށްވެސް ދިވެހި ޕާސްޕޯޓަށް ހުށަހެޅުމުގައި ފަސޭހަ އަދި ތަކުލީފެއް ނެތް އިންތިޒާމެއް ހަމަޖައްސައިދިނުން،" ފަސީޙް ވިދާޅުވިއެވެ.
ޕާސްޕޯޓުގެ ޚިދުމަތަށް އަލަށް މި ގެނެވުނު ބަދަލުތަކުން ރަމްޒުކޮށްދެނީ، ޒަމާނީ އީޖާދުތަކާއި އާންމުންނަށް ފަސޭހަވާނެ އިސްނެގުންތަކުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ މަސައްކަތެއްކަން އިމިގްރޭޝަނުން ވަނީ ފަހަގަކުރައްވަފައެވެ.



