ރާއްޖޭގެ އިގުތިޞާދީ މައި ތަނބަކީ ފަތުރުވެރިކަން ކަމުގައިވީ ނަމަވެސް، އިގުތިޞާދު ފުޅާކުރުމަށް އިތުރު ފުރުސަތުތައް އެބަހުރި ކަމަށާއި، ރާއްޖެއަކީ ވާދަވެރި އަދި ހުޅުވައިލެވިފައިވާ އިންވެސްޓްމަންޓް މަންޒިލަކަށް ހެދުމަކީ މި ސަރުކާރުގެ ތަސައްވުރު ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ޖަޕާނު އެމްބަސީން އިންތިޒާމުކޮށްގެން ބޭއްވި ބިޒްނަސް ވެބިނާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، އިގުތިޞާދު ސިންދަފާތުކޮށް ވަރުގަދަކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޑިސެންބަރު 2024 ގައި އަމަލުކުރަން ފެށި އައު ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށް އިތުބާރު ހުރި ނިޒާމެއް ގާއިމުވެގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމުގެ އިތުރުން އިޔާދަކުރަނިވި ހަކަތަ، މެރިޓައިމް ޚިދުމަތްތައް، މަސްވެރިކަން، ކާބޯތަކެތި އުފެއްދުން، ޑިޖިޓަލް އިގުތިޞާދު އަދި އުފެއްދުންތެރިކަން ފަދަ ދާއިރާތަކުން އިންވެސްޓްމަންޓްގެ ފުރުސަތުތައް ފަހިކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.
ފޮރިން އިންވެސްޓްމެންޓް ގާނޫނުގެ ދަށުން އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމުގައި ޤައުމީ ސަލާމަތާއި، އެތެރޭގެ މާކެޓުގެ ވާދަވެރިކަމާއި، ދިވެހި ވިޔަފާރިވެރިންގެ މަސްލަހަތަށް ރިއާޔަތްކޮށްފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި ފާއިތުވި ޖޫން މަހުގެ ތެރޭގައި ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ޓްރިޕްލް ސީ މައިނަސް އަށް މަތިކުރުމަކީވެސް އިންވެސްޓަރުންގެ އިތުބާރު އިތުރުވަމުންދާކަމުގެ ހެއްކެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.



