ފުޓްބޯޅަ ޓްރޭނިން ފެސިލިޓީ ތަރައްގީކުރުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ބިން އަތުލުމަށާއި، ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ހޯދުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން އަނބުރާ ގެންގޮސްފިއެވެ.
މި މައްސަލައަކީ 11 ޖުލައި 2018 ގައި ވެވުނު އެއްބަސްވުމާ އެއްގޮތަށް ބިން ތަރައްގީކޮށްފައި ނުވުމާއި، ކުލި ނުދައްކާ އޮތުމުން އެއްބަސްވުން ބާތިލުކޮށް ބިން ހަވާލުކުރަން ނޯޓިސް ދިނުމުންވެސް ބިން ހަވާލުނުކުރުމުން އެޗްޑީސީން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެޗްޑީސީން ކޯޓުގައި އެދިފައިވަނީ ބިން ހުސްކުރުމާއެކު، ދައްކަންޖެހޭ ފައިސާ އެއްފަހަރާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
ނަމަވެސް، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ދެފަރާތުން އެދުމުން ދިން ފުރުސަތުގައި، އެޗްޑީސީން ވަނީ ދައުވާ އަނބުރާ ގެންދަން ހުށަހަޅާފައެވެ. އެޗްޑީސީން ބުނީ ދައުވާ އަނބުރާ ގެންގޮސްފައިވަނީ ކޯޓުން ބޭރުގައި މަޝްވަރާތައް ކުރިއަށްދާތީ ކަމަށާއި، ހައްލެއް ނުލިބިއްޖެނަމަ އަލުން ދައުވާ ހުށަހަޅާނެ ކަމަށެވެ. އެފްއޭއެމުން މިއަށް އިއުތިރާޒުކޮށްފައި ނުވާތީ، ސިވިލް ކޯޓުން ވަނީ އެ ދައުވާ އަނބުރާ ގެންގޮސްފައިވާ ކަމަށް ނިންމާފައެވެ.



