ހުޅުމާލޭ ފޭސް 1 ގައި ހުންނަ އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލި މީހާ ހައްޔަރުނުކުރެވި އުޅެނިކޮށް، ދެވަނަ ފަހަރަށް ހަމަ އެ މިސްކިތަށް ހަމަލާދީ މައި ދޮރުގެ ބިއްލޫރިތައް ތަޅާލައިފިއެވެ.
ރޭ މަޣްރިބު ނަމާދަށްފަހު ދިން މި ހަމަލާއާ ގުޅިގެން، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން ތުހުމަތުކުރެވޭ ފަރާތް މިހާރު ވަނީ މުޖުތަމަޢުން އެކަހެރިކުރެވިފައި ކަމަށާއި، އެ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ޔަޤީންކޮށްދީފައެވެ.
މި މަހުގެ 22 ވަނަ ދުވަހުގެ މެންދަމުވެސް އެ މިސްކިތަށް ހަމަލާދީފައިވާ އިރު، ޚަބަރު ލިބޭގޮތުގައި އެއީ އެ މިސްކިތުގައި ނިދައި އުޅޭ މީހެކެވެ. އޭނާ މިސްކިތަށް ގެއްލުންދިނީ ނިދުމަށް ފުރުޞަތު ނުލިބުމާއި ދަންވަރު ފާހާނާ ބޭނުންނުކުރެވޭތީ އެކަމާ އައި ރުޅިންކަމަށެވެ. މީގެއިތުރުން، އޭނާ ވަނީ އެކި ފަހަރު މަތިން މިސްކިތުގެ މުވައްޒަފުންނާ މާރާމާރީވެސް ހިންގާފައެވެ. ފުލުހުން ދަނީ މިސްކިތަށް ގެއްލުންދިން މައްސަލަތައް ވަކިވަކިން ބަލައި ތަޙުޤީޤުކުރަމުންނެވެ.



