މޯލްޑިވްސް ބްލަޑް ސާވިސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނިއުކްލިއިކް އެސިޑު ޓެސްޓިން ގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވި ގޮތުގައި، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދޭ މި ޚިދުމަތުގެ ސަބަބުން ހެޕަޓައިޓިސް ބީ، އެޗްއައިވީ އަދި ހެޕަޓައިޓިސް ސީ ފަދަ ނުރައްކާތެރި ބަލިތައް އާދައިގެ ޓެސްޓުތަކަށްވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަގީންކަމާއެކު ދެނެގަނެވޭނެއެވެ.
މިއީ ލޭގެ ޚިދުމަތް އިތުރަށް ރައްކާތެރިކޮށް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެންވަރު މަތިކުރުމަށްޓަކައި އެޅުނު ތާރީޚީ ފިޔަވަޅެކެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިއްޙީ ސިޔާސަތުތަކާ އެއްގޮތަށް، ލޭގެ ޚިދުމަތުގެ ޤައުމީ މިންގަނޑުތަކާއި ކުރިއަށް އޮތް 10 އަހަރުގެ ތެލެސީމިއާ މާސްޓާ ޕްލޭން ހާސިލުކުރުމަށް އެޅުނު މުހިންމު ބިންގަލެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



