އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ތަޞްދީޤުކުރައްވާފައެވެ. މިއީ ރައްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ ފާސްކުރުމަށްފަހު ފޮނުވުމުން، އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް އަނބުރާ ފޮނުއްވި ބިލެކެވެ. އެއަށްފަހު، މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އިތުރު އިޞްލާޙުތަކެއް ގެނެސް، ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން ވަނީ މި ބިލު އަލުން ފާސްކޮށްފައެވެ.
މި ބިލުގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޚިދުމަތް ރައްކާތެރިކަމާއި ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލައި، ޚިދުމަތް ދޭ އަދި ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމެވެ. އެގޮތުން، ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމަށް އޯގަން ޓްރާންސްޕްލާންޓް ކައުންސިލް އެކުލަވާލުމާއި، އެކަމުގެ ހުއްދަ ދޫކުރުމަށް އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ އުފެއްދުން ހިމެނެއެވެ.
މީގެއިތުރުން، ޤާނޫނާ ޚިލާފަށް ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ އަމަލުތަކަށް ކުށާއި އަދަބުވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.



