އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ކަމުގެ މަގާމާ އެންޑީ ބާންހަމް ހަވާލުވެވަޑައިގަތުމަށްފަހު، ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ފުރަތަމަ ކަމަކީ ގޭބިސީތަކުގެ ކަރަންޓު ބިލް ކުޑަކޮށް، އާންމުންގެ ދިރިއުޅުމުގެ ހަރަދުތަކަށް ލުޔެއް ހޯދައިދެއްވުން ކަމުގައި ނިންމަވައިފިއެވެ.
ބޮޑުވަޒީރު ބާންހަމް އިއުލާން ކުރެއްވި ގޮތުގައި، ގޭބިސީތަކުގެ ކަރަންޓު ބިލުން މިހާރު ނަގަމުން އަންނަ ވެލިއު އެޑެޑް ޓެކްސް (ވެޓް) އަންނަ އޮކްޓޯބަރު މަހު 1 ން ފެށިގެން އުނިކުރެވިގެންދާނެއެވެ. މި ބަދަލާއެކު، ކަރަންޓް ބިލަށް އަހަރަކު އެވްރެޖްކޮށް 1،862 ޕައުންޑް ހަރަދުކުރާ ގޭބިސީއަކުން ގާތްގަނޑަކަށް 45 ޕައުންޑް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.
މި ނިންމެވުމާ މެދު ވާހަކަދައްކަވަމުން ބާންހަމް ވިދާޅުވީ، ކަރަންޓު ބިލުން ވެޓް އުނިކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކުރީގެ ސަރުކާރުން އިއުލާންކޮށްފައިވާ 1.8 ބިލިއަން ޕައުންޑުގެ ޑިޖިޓަލް އައިޑީ ޕްރޮގްރާމް ހުއްޓާލުމުން ސަލާމަތްވާ ފަންޑުން ކަމަށެވެ.ނަމަވެސް، މިއީ އަމަލީ ގޮތުން ކުރެވިދާނެ ކަމެއްކަމާއިމެދު ސިޔާސީ އަދި އިގްތިސާދީ މާހިރުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ލޭބަރ ޕާޓީގެ ބައެއް މަސްއޫލުވެރިންނާއި މާލީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ޑިޖިޓަލް އައިޑީ ސްކީމަކީ އަދި މިހާތަނަށް ބަޖެޓު ހަމަޖެހިފައިވާ ކަމަކަށް ނުވާތީ، ކަރަންޓު ބިލު ކުޑަކުރުމުގެ މި ބަދަލަށް ބޭނުންވާ ފައިސާ ސަރުކާރުގެ ބަޖެޓުގައި ހުރިތޯ ވަނީ ސުވާލު އުފެދިފައެވެ.
"ކިންގް އޮފް ދަ ނޯތު" ގެ ނަމުން މަޝްހޫރުވެފައިވާ ބާންހަމްގެ އިޖުތިމާއީ ސިޔާސަތުތަކަކީ ހަމައެކަނި ކަރަންޓު ބިލު ކުޑަކުރުމަށް އަމާޒުކުރެވިފައިވާ ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އާންމު ރައްޔިތުންނަށް ދިމާވާ ދިރިއުޅުމުގެ އެކި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެްވުމަށް އޭނާ ރާއްވަވާފައިވެއެވެ.
މި ސިޔާސަތުތަކުގެ ތެރޭގައި މަގުމަތީގައި ނިދާ މީހުންނާއި ގެދޮރުނެތް މީހުންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމާއި، އާންމު ދަތުރުފަތުރުގެ ހަރަދު ކުޑަކުރުމަށްޓަކައި ބަސް ދަތުރުތަކުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުން ހިމެނެއެވެ. މިފަދަ ލުއިތަކާއެކު ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒުކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.



