އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ވަޑައިގެންނެވުމުން އޭނާ ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ، ނަތަންޔާހޫ އެ ސިޓީއަށް ވަޑައިގެންފިނަމަ ހައްޔަރުކުރުމާ މެދު ވިސްނަވަމުންދާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
މަމްދާނީ ވިދާޅުވީ ނަތަންޔާހޫއަކީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) އިން ދައުވާ އުފުލާފައިވާ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށާއި އޭނާ ނިއުޔޯކަށް ވަޑައިގެންފިނަމަ އޭނާއާއިމެދު ގާނޫނީ ގޮތުން އެޅެން އޮތީ ކޮން ފިޔަވަޅެއްތޯ ބައްލަވަމުންދާ ކަމަށެވެ.
އައި.ސީ.ސީ އިން 2024 ވަނަ އަހަރު ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރުނީ ގާޒާގައި ހަނގުރާމައިގެ ކުށްތަކަށް އަރައިގަތްކަމަށް ތުހުމަތުކޮށެވެ.
މިކަމާ ގުޅިގެން އިސްރާއީލުން ވަނީ އައި.ސީ.ސީގެ އަމުރަކީ "ބާތިލު" އެއްޗެއް ކަމަށް ބުނެފައެވެ. އަދި މަމްދާނީ މަސައްކަތް ކުރައްވަނީ އޭނާގެ ނާކާމިޔާބީތަކުން އާންމުންގެ ސަމާލުކަން އަނބުރާލުމަށް ކަމަށްވެސް އިސްރާއީލުން ތުހުމަތުކުރެއެވެ.އައި.ސީ.ސީ އަކީ ބައިނަލްއަގުވާމީ ކޯޓެއް ނަމަވެސް، އެމެރިކާ އާއި އިސްރާއީލަކީ އެ ކޯޓުގެ މެމްބަރު ގައުމުތަކެއް ނޫނެވެ.



