އީރާނާއި ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ހަނގުރާމައަށް މިހާތަނަށް 37.5 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންއިން ހާމަކޮށްފިއެވެ. ޕެންޓަގަންގެ ފަރާތުން މިއަދަދު ހާމަކޮށްފައިމިވަނީ އަންގާރަ ދުވަހު ބޭއްވުނު ސެނެޓުގެ އެޕްރޮޕްރިއޭޝަން ކޮމިޓީގެ އަޑުއެހުމެއްގައި އެގައުމުގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތުއެވެ. މިއަޑުއެހުމުގައި ޖޮއިންޓް ޗީފްސް އޮފް ސްޓާފްސްގެ ޗެއަރމަން ޑޭން ކޭންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދަދު ކަށަވަރުކޮށްދެއވާފައިވަނީ، އީރާނާއެކު އެމެރިކާއިން ކުރާ ހަނގުރާމައަށް ގާތްގަނޑަކަށް 70 ބިލިއަން ޑޮލަރު ހިމެނޭ ގޮތަށް އެމެރިކާގެ ޑިފެންސް ބަޖެޓަށް 1.5 ޓްރިލިއަން ޑޮލަރު ހޯދުމަށް އެދުނު މައްސަލައާ ގުޅިގެން ސެނެޓުގެ ފަރާތުން ކުރިމަތިކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ހަނގުރާމައިގެ ޚަރަދުތައް އިންތިހާއަށް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަސްކަރީ ހަރަކާތްތައް ކުރިއަށްގެންދިއުމަށްޓަކައި އިތުރު 90 ބިލިއަން ޑޮލަރުގެ ފަންޑިންއަކަށް އެމެރިކާގެ ކޮންގްރެސްގައި އެދިވަޑައިގެންފައެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވި ގޮތުގައި، ކޮންގްރެސްއިން އެދިފައިވާ އިތުރު ފަންޑިން ނުލިބިއްޖެނަމަ އެމެރިކާގެ އަސްކަރީ ތަމްރީނުތަކަށާއި، ހަތިޔާރާއި ވަސީލަތްތަކުގެ މަރާމާތުގެ ޚަރަދުތައް ހަމަޖެއްސުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެއެވެ. އަދި މީގެ ސަބަބުން މުޅި ދިފާއީ ވުޒާރާގެ ބަޖެޓަށް ނުކުޅެދޭ ވަރުގެ ބޮޑު ބުރައަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ހަނގުރާމައިގައި އެމެރިކާއަށް ބޮޑެތި މާލީ ގެއްލުންތަކެއް ވަމުންދާއިރު، ޖިސްމާނީ ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން މިހާތަނަށް އެމެރިކާ ސިފައިންގެ 18 މީހަކު މަރުވެފައިވާއިރު، 430 އަށްވުރެ ގިނަ ސިފައިންނަށް ވަނީ ތަފާތު އެކިވަރުގެ ޒަޚަމްތަކެއްވެފައެވެ.
ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބު ބޭއްވުމަށް ކައިރިވެފައިވާ މިދަނޑިވަޅުގައި،ޓްރަމްޕްގެ ސަރުކާރުން ހަނގުރާމައަށް ކުރާ ބޮޑެތި ޚަރަދުތަކާ ގުޅިގެން ސިޔާސީ ގޮތުންވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ސަރުކާރު ހިންގާ ރިޕަބްލިކަން ޕާޓީއާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންވެސް ދަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅުގައި، ރައީސް ޓްރަމްޕް ވަނީ އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދެއްވާފައެވެ. އެގޮތުން އީރާނުގެ އުމްރާނީ ވަސީލަތްތަކަށާއި، ތެޔޮ އުފައްދާ ކާރުޚާނާތަކުގެ އިތުރުން، ބިމުގެ އަޑީގައި ގާއިމުކޮށްފައިވާ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީ އެ ތަންތަން އެއްކޮށް ނައްތާލާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރުދެއްވާފައެވެ



