އިންޑިއާގެ ތައުލީމީ ނިޒާމުގެ ތެރެއިން ފެންމަތިވި ކޮރަޕްޝަނާއި ދެކޮޅަށް އަޑުއުފުލައި ޒުވާނުން ފެށި މުޒާހަރާ ހޫނުވެ ފުލުހުން ވަރަށްބޮޑަށް ބާރުގެ ބޭނުންކޮށްފި އެވެ. މި މުޒާހާރާގައި ފަހުން ވަނީ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފައެވެ.
ނިއުދިއްލީގައި ހުންނަ އިންޑިއާގެ ޕާލަމެންޓާ ދިމާލަށް 10،000 އަށްވުރެ ގިނަ މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހުމުން ފުލުހުން ވަނީ ކަރުނަގޭހާއި މުގުރުން ހަމަލާދީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަސައްކަތްކޮށްފައެވެ.
މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެކޮޅަށް މިހާތަނަށް އިންޑިއާގައި ކުރި އެންމެ ބޮޑު އެއް އިހުތިޖާޖެވެ.
ޒުވާނުން އިސްވެ އުފައްދާފައިވާ "ކޮކްރޯޗް" ހަރަކާތުގެ ސަޕޯޓަރުން އިންތިޒާމުކޮށްގެން ޒުވާނުން ބާއްވާ މި މުޒާހަރާގައި ފުލުހުން ވަނީ މުގުރު ފަދަ ހަތިޔާރު ބޭނުންކޮށް ޒުވާނުންނަށް ހަމަލާދީފައެވެ. މި ހަރަކާތުގެ ބައިވެރިން އެމީހުންގެ މިހަރަކާތަށް ”ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ނަމުން ނަންދީފައިވަނީ ބޮޑުވަޒީރު މޯދީގެ ވެރިކަންކުރާ ޕާޓީގެ ނަމަށް ނިސްބަތްކޮށް މަލާމާތްކުރުމުގެ ގޮތުންނެވެ. މި ހަރަކާތް ފެށިގެން ދިޔައީ އިންޑިއާގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކު، ވަޒީފާނެތް ބައެއް ޒުވާނުންނަކީ "ކުރަފި" ތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެންނެވެ.
ޒުވާނުން ފެށި މި ހަރަކާތަށް ތާއީދުކޮށް ތިން ހަފުތާ ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި ހުރި އުމުރުން 59 އަހަރުގެ އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ވެސް މިހާރުވަނީ މަޖުބޫރުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
މިދިޔަ މޭ މަހު ބޭއްވި މެޑިކަލް އެންޓްރަންސް އިމްތިހާނުގެ ސުވާލުތައް ލީކުވުމާ ގުޅިގެން، 2.2 މިލިއަނެއްހާ ދަރިވަރުން އަލުން އިމްތިހާނު ހަދަންޖެހުމުގެ ސަބަބުން މި ހަރަކާތް މިވަނީ އިތުރަށް ވަރުގަދަވެގެންގޮސްފައެވެ.
މެޑިކަލް އެންންޓްރެންސް އިމްތިހާނުގައި ސުވާލުތައް ލީކުވުމުގެ ހާދިސާއާއި ގުޅިގެން 12 އަށްވުރެ ގިނަ ދަރިވަރުން އިންޑިއާގައި އަމިއްލައަށް މަރުވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.ސަރުކާރުން ވަނީ އިތުރަށް ސުވާލު ލީކުވުން ހުއްޓުވުމަށް "ޓެލެގްރާމް" އެޕްލިކޭޝަން ވެސް ވަގުތީގޮތުން މަނާކޮށްފައެވެ.
ޕާލަމެންޓުގެ އާ ދައުރު ފެށޭ ދުވަހާ ދިމާކޮށް ބޭއްވި މި މުޒާހަރާގެ ސަބަބުން ސަރުކާރުން ވަނީ އެހިސާބުގެ މެޓްރޯ ސްޓޭޝަންތައްވެސް ބަންދުކޮށްފައެވެ.ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ދުރު ސްޓޭޝަންތަކަށް ފައިބައިގެން އިންޑިއާގެ ދިދަ ހިފައިގެން ހިނގާފައި އައިސް ޕާލެމެންޓް ސަރަހައްދަށް ޖަމާވެފައެވެ



