ގެއްލުމުގައި ހިންގަމުންދިޔަ ބްރިޓިޝް ސްޓީލް، އިނގިރޭސި ސަރުކާރުގެ ދަށަށް ފުރިހަމައަށް ބަދަލުކުރުމާ ގުޅިގެން، ޗައިނާގެ ޖިންގްޔޭ ކުންފުނިން ބަދަލު ހޯދުމަށް މަސައްކަތް ފަށައިފިއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ކުރިން ޗައިނާގެ ކުންފުންޏެއްގެ މިލްކުވެރިކަމުގައި އޮތް ބްރިޓިޝް ސްޓީލް، އިނގިރޭސި ސަރުކާރުގެ ދަށަށް ބަދަލުކުރި މައްސަލަ ވަރަށް ގާތުން ބަލަމުންދާނެ ކަމަށާއި މިކަމުގައި އިންސާފުވެރި ހައްލަކަށް ގޮވާލާ ކަމަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި، އިނގިރޭސި ސަރުކާރުން ބްރިޓިޝް ސްޓީލް ސަރުކާރަށް ނަގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ކުންފުންޏަކީ ޖިންގްޔޭ ކުންފުނީގެ މިލްކުވެރިކަމުގެ ދަށުން ބޮޑެތި ގެއްލުންތަކެއްވަމުން ދިޔަ ކުންފުންޏެކެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މި މައްސަލައަށް ޗައިނާގައި ވަނީ ބޮޑު ސަމާލުކަމެއް ލިބިފައި" ކަމަށެވެ.
ޗައިނާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިނގިރޭސިވިލާތުން މިކަމުގައި އަމަލުކުރާ ގޮތަކުން އެ ގައުމުގެ އިންވެސްޓްމަންޓް މާހައުލާ މެދު ޗައިނާގެ އިންވެސްޓަރުން ކުރާ އިތުބާރަށް ސީދާ އަސަރުކުރާނެ ކަމަށެވެ. އަދި ބަދަލު ދިނުމުގެ އިންތިޒާމުތައް ހިމެނޭހެން، ދެފަރާތަށް ވެސް އެއްބަސްވެވޭ ފަދަ ހައްލެއް ހޯދުމަށް ޗައިނާއިން ވަނީ އިނގިރޭސި ސަރުކާރަށް ބާރުއަޅާފައެވެ. ޖިންގްޔޭ ސްޓީލްއިން ބުނާ ގޮތުގައި އެ ކުންފުނިން ކުރި އިންވެސްޓްމަންޓުން ލިބުނު ގެއްލުމުގެ ބަދަލު އިނގިރޭސިވިލާތުން ދޭންޖެހޭނެއެވެ.
ބްރިޓިޝް ސްޓީލްއަކީ އިނގިރޭސިވިލާތުގައި އަސާސީ ދަގަނޑު އުފައްދާ ހަމައެކަނި ކުންފުންޏަށް ވާއިރު، އެ ކުންފުނީގެ ސަކަންތޯޕް ކާރުޚާނާގައި 2,700 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. 2020 ވަނަ އަހަރު 70 މިލިއަން ޕައުންޑަށް މި ކުންފުނި ގަތް ނަމަވެސް، 2025 އާ ހަމައަށް އައިއިރު ކޮންމެ ދުވަހަކު 700,000 ޕައުންޑްގެ ގެއްލުން ވަމުންދާ ކަމަށް ޖިންގްޔޭއިން ރިޕޯޓްކޮށްފައިވެއެވެ.
އިނގިރޭސި ސަރުކާރުން މި ފިޔަވަޅު އެޅީ ސަކަންތޯޕް ކާރުޚާނާ ބަންދުކޮށްފި ނަމަ، އިނގިރޭސިވިލާތަކީ އާ ދަގަނޑު އުފެއްދުމުގެ ގާބިލުކަން ނެތް ޖީ7 ގެ ހަމައެކަނި ގައުމަށް ވެދާނެތީ އެކަން ހުއްޓުވުމަށެވެ. ސަރުކާރުން ބުނެފައިވަނީ މިއީ ވަޒީފާތަކާއި ސަޕްލައި ޗެއިންތައް ރައްކާތެރިކުރުމަށާއި، އުމްރާނީ ބޮޑެތި މަޝްރޫއުތަކުގެ އިތުރުން ގައުމީ ސަލާމަތް ކަށަވަރުކުރުމަށް ކޮންމެހެން ކުރަންޖެހުނު ކަމެއް ކަމަށެވެ.



