20 އަހަރަށްވުރެ ގިނަ ދުވަހު ވެރިކަން ކުރައްވާފައިވާ ނިކަރާގުއާގެ ރައީސް ޑެނިއަލް އޮރްޓޭގާ، އެ ގައުމުގައި ދެން ދުވަހަކުވެސް އިންތިޚާބެއް ނުބާއްވާނެ ކަން އިއުލާނު ކުރައްވައިފިއެވެ.
2027 ވަނަ އަހަރު ރައީސް އޮރްޓޭގާގެ ރިޔާސީ ދައުރު ހަމަވާއިރު، މިނިންމެވުމުގެ ސަބަބުން އަދިކޮޅު ސިޔާސީ ފަރާތްތަކަށް އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު މުޅިން ބަންދުވެގެންދާނެއެވެ. އަދި މިއާއެކު އޮރްޓޭގާއާއި އޭނާގެ އަނބިކަނބަލުންގެ ބާރު ސަރުކާރުގެ ތެރޭގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ސިފައިންނާއި ކޯޓުތައްވެސް ހިމެނޭހެން ނިކަރާގުއާގެ ސަރުކާރުގެ ހުރިހާ ބާރެއް ސީދާ ކޮންޓްރޯލް ކުރައްވަމުން އަންނަނީ އޮރްޓޭގާއާއި، އޭނާގެ އަނބިކަނބަލުން އަދި ގައުމުގެ ކޯ-ޕްރެޒިޑެންޓް ރޮސާރިއޯ މުރީލޯއެވެ.
އޮރްޓޭގާގެ މި ނިންމެވުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެގޮތުން އދ. އާއި އެމެރިކާއިން ވަނީ ނިކަރާގުއާގައި އޮތީ ޚުދުމުޚުތާރު ވެރިކަމެއްގެ ގޮތުގައި ސިފަކޮށް، އެ ސަރުކާރުން އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.
ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިންތިޚާބުތައް ބޭއްވުން ހުއްޓާލަން އޮރްޓޭގާ ނިންމެވި ނިންމެވުމުން ހާމަވަނީ، އިންސާފުވެރި އިންތިޚާބަކުން ބަލިވެ، ވެރިކަމުގެ ބާރުތައް ގެއްލިދާނެތީ އޭނާގެ ހިތުގައި އޮތް ބިރުވެރިކަމުގެ ބޮޑުކަމެވެ.
Advertisement
Advertisement
Advertisement



