މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އިނާމު އެރުވުމަށް ހަމަޖެހިފައިވަނީ ދައުލަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
މި ފަހަރު އިނާމު ލިބިވަޑައިގަންނަވާ 66 ބޭފުޅުންނަކީ، ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް މި އިނާމު ލިބިވަޑައިގެންފައިނުވާ ބޭފުޅުންނެވެ. މި ބޭފުޅުންނަށް އިނާމު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން، އެ ބޭފުޅުންގެ ރެކޯޑުތައް ރައީސް އޮފީހުން ހޯއްދަވައި، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ. ކޮމިޓީން އެ މަޢުލޫމާތުތައް ދިރާސާކޮށް، އެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު، އިނާމަށް ޝަރުޠު ފުރިހަމަވާކަން ވަނީ ކަށަވަރުކޮށްފައެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަން ފެށްޓެވި ފަހުން، ވަކި މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް ކޮންމެ އަހަރުވެސް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ކޮމިޓީއަށް ފޮނުއްވަމުންނެވެ. އެގޮތުން މިހާތަނަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް ފޮނުއްވައި، އެ ބޭފުޅުންނަށް ވަނީ އިނާމު އަރުވާފައެވެ.
މީގެ އިތުރުން، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ޢާންމުކޮށް ހުޅުވާލި ފުރުޞަތުގައި 130 ފޯމު ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅި މި ފޯމުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން ބައްލަވައި އިންޓަވިއު ކުރެއްވުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކަށް އިނާމު އެރުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.



