ތައިލެންޑަށް ދަތުރުކުރުމުގެ ކުރިން 'ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު' ފުރިހަމަކުރުމަށް ޤައުމީ އެއާލައިން، މޯލްޑިވިއަނުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވިއަނުން ބުނީ 1 މޭ 2025 އިން ފެށިގެން ވައިގެ މަގުން ތައިލެންޑަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން އެ ޤައުމަށް އެތެރެވުމުގެ ތިން ދުވަސް ތެރޭގައި 'ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު' ޕޯޓަލް މެދުވެރިކޮށް ދަތުރުގެ ތަފްޞީލް ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ދަތުރުވެރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރުމުން ލިބޭ ކޮންފަމޭޝަންގެ ޑިޖިޓަލް ކޮޕީއެއް، ތައިލެންޑަށް އެތެރެވާއިރު އިމިގްރޭޝަން ކައުންޓަރަށް ހުށަހަޅާންވާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އެހެންކަމުން މި ލިންކް މެދުވެރިކޮށް މި އެރައިވަލް ކާޑު ފުރިހަމަކުރުމަށް އެ އެއާލައިނުން ވަނީ އެދިފައެވެ.
މޯލްޑިވިއަނުން މިފަދައިން އިލްތިމާސްކޮށްފައިވާއިރު، އެ އެއާލައިނުން ވަނީ ސްކޫލް ޗުއްޓީއާ ދިމާކޮށް ޚާއްޞަ ފެއަރއެއްގެ ދަށުން ތައިލޭންޑްގެ ބެންކޮކަށް ދަތުރުތަކެއް ކުރުމަށް ނިންމައިފައެވެ. މި ފެއަރގެ ދަށުން ކުރާ ދަތުރުތައް އޮންނާނީ ޖުލައި 12 އިން އޮގަސްޓު 2 ގެ ނިޔަލަށް، ކޮންމެ އާދީއްތަ ދުވަހަކުއެވެ.



