އީޖާދީ ކުރިއެރުންތަކަށާއި، ފަންނިއްޔާތު ކުރިއެރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ހިސާބު ޢިލްމުގެ ހުނަރުތައް ކޮންމެހެން ބޭނުންތެރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ހިސާބު ޢިލްމު އުނގަންނައިދިނުމުގައި ދިވެހިންގެ ސަގާފަތާއި ތަރިކަ ބޭނުންކުރުމާ ބެހޭގޮތުން ލިޔެފައިވާ "މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް - އެތުނޯމެތަމެޓިކްސް، ކަލްޗަރަލް ހެރިޓޭޖް އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން" ފޮތް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި، ޒުވާނުންގެ މެދުގައި ހިސާބު ޢިލްމަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިގޮތުން މެޑަމް ސާޖިދާ ވިދާޅުވީ މި ފޮތުގެ ސަބަބުން ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށާއި، ދަރިވަރުންނަށް އަދި ދިރާސާކުރައްވާ ފަރާތްތަކަށް ދިވެހި މުޖުތަމަޢުތަކުގައި އެކުލެވޭ މުއްސަނދި ޢިލްމުތައް އިތުރަށް ހޯދައި ދިރާސާކުރުމަށް އާ ހިތްވަރެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައެވެ.
މީގެ އިތުރުން އެކަމަނާ ވިދާޅުވީ ހިސާބު ޢިލްމު ކުރިއެރުވުމަކީ ހަމައެކަނި ތަޢުލީމީ ލަނޑުދަނޑިއެއް ޙާޞިލުކުރުން ނޫންކަމަށާއި، އެއީ ދިވެހިރާއްޖޭގެ މުސްތަޤްބަލުގެ ވިލުންތެރިކަމާއި، ފާގަތިކަމާއި، ކުރިއެރުމަށްޓަކައި ކުރެވޭ މުހިންމު ވުނަކުރުމެއް ކަމުގައެވެ.
އަދި، ހިސާބަކީ ހަމައެކަނި ކްލާސްރޫމްތަކާއި ފޮތްތަކަށް ބަރޯސާވެފައިވާ އެއްޗެއް ނޫންކަން މި ފޮތުން ސާބިތުކޮށްދޭ ކަމަށާއި، ހިސާބު ޢިލްމުގެ ހަމަތަކާއި ވިސްނުމަކީ ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ އާދަކާދަތަކުގެ ތެރޭގައި ޒަމާނުއްސުރެ ލާމެހިފައިވާ ކަމެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން މަސްވެރިކަމާއި، އޮޑިދޯނިފަހަރު ބަނުމާއި، ދަތުރުފަތުރުކުރުމުގެ ނިޔަމިކަމާއި، ވިޔުމުގެ މަސައްކަތްތަކާއި، ދަނޑުވެރިކަމުގެ އިތުރުން ޢިމާރާތްކުރުން ފަދަ ސަގާފީ މަސައްކަތްތަކުގައި ހިސާބު ޢިލްމުގެ ތަޞައްވުރުތަކާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރުތައް އެކުލެވިގެންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިންގެ ސަގާފަތާއި އަމަލީ ތަޖުރިބާތަކާ ގުޅުވައިގެން ހިސާބު ޢިލްމު އުނގަންނައިދިނުމުން، ދަރިވަރުންނަށް އެއީ މާނަވީ، ޝައުޤުވެރި އަދި ދިރިއުޅުމާ ގުޅުންހުރި ފިލާވަޅުތަކަކަށް ވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ތަޢުލީމުގެ ތެރެއިން އަމިއްލަ ސަގާފަތް ފެންނަން ހުރުމަކީ ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، ކިޔެވުމަށް ދޭ ޝައުޤުވެރިކަން އިތުރުވެ، ހިސާބު ޢިލްމަށް ދޭ ލޯބި ފުންވެގެންދާނެ ކަމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ޖީލުން ޖީލަށް ވާރުތަވަމުން އައިސްފައިވާ ދިވެހިންގެ ސަގާފީ ޢިލްމުތައް މި ފޮތުގައި ލިޔެ ރައްކާކޮށްފައިވުމަކީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ކޮށްދިން ވަރަށް އަގުހުރި ޚިދުމަތެއްކަން ބަޔާންކުރެއްވިއެވެ. އަދި މިފަދަ ޢިލްމީ ތަރިކަ ޙިމާޔަތްކުރުމަކީ ޤައުމިއްޔަތު ވަރުގަދަކޮށްދިނުމުގެ އިތުރުން، ތަޢުލީމަށާއި، ދިރާސާއަށާއި، ޤައުމީ ތަރައްޤީއަށްވެސް ބާރުދޭ ކަމެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް ލިޔުއްވި މި ފޮތަކީ، އެތުނޯމެތަމެޓިކްސްގެ ދާއިރާއިން ކުރެވޭ ދިރާސާތަކަށް ލިބުނު ކުރިއެރުމެއްގެ އިތުރުން، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ އެހީގައި ހިސާބު ޢިލްމުގެ ތަޢުލީމާއި ކަރިކިއުލަމް އިތުރަށް މުއްސަނދިކުރެވޭނެ ގޮތްތައް ބަޔާންކޮށްދޭ މުހިންމު ފޮތެކެވެ.



