ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) ހިންގުމުގެ އެންމެ އިސްވެރިޔާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.
ޖޭއެސްސީން މިއަދު ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، މި މަޤާމަކީ 5 އަހަރު ދުވަހުގެ މުއްދަތަށް އައްޔަންކުރެވޭ މަޤާމެކެވެ. މި މަޤާމުގެ އަސާސީ މުސާރައަކީ 30,000 ރުފިޔާއެވެ. މީގެ އިތުރުން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 27,235 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި 2,000 ރުފިޔާ ލިބިގެންދާނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި ދިވެހި ރައްޔިތަކު ކަމުގައިވުމާއި، އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއި، ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން އަދި އުމުރުން 60 އަހަރުން ދަށުގެ މީހެއް ކަމުގައިވުމުގެ އިތުރުން ޖިނާއީ ބޮޑުކުށެއް ސާބިތުވެފައިވާނަމަ، ޙުކުމް ތަންފީޒުކޮށް ނިމުނުތާ 8 އަހަރު ވެފައިވުން ހިމެނެއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގެ ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން ބެލެހެއްޓުމާއި، ޝަރުޢީ ދާއިރާގެ ބަޖެޓް އެކުލަވާލުން ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ރޭވުމާއި، ކޯޓުތަކުގެ ވަސީލަތްތައް ހޯދައިދިނުމަކީވެސް މި މަޤާމުގެ ދަށުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެކެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޖޭއެސްސީގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށް 19 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ.
މި މަޤާމަށް މީހަކު ހޮވުމުގައި ޢަމަލުކުރާނީ ޖޭއެސްސީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ "ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރުމާއި ވަކިކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.



