ފަންސާސް ކޮތަޅަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިތަކުން 2 ރުފިޔާގެ ފީ ނުނަގާ ގޮތް ހެދުމަށާއި، ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރުމަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝިފާޒެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނު އޮތްގޮތުން، ކޮންމެ ވިޔަފާރި މުއާމަލާތެއްގައި ދޫކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް 2 ރުފިޔާގެ ފީއެއް ނަގަންޖެހެއެވެ. ނަމަވެސް ޑިއުޓީ ފްރީ ފިހާރަތަކުން ދޫކުރާ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅާ ކޮތަޅުގެ އިތުރުން ކުނި އެޅުމަށް ހާއްސަ "ބިންލައިނާ" އިން މި ފީ ނެގުން އިސްތިސްނާވެއެވެ. މެމްބަރު ޝިފާޒް ހުށަހެޅުއްވި އިސްލާހަކީ މި އިސްތިސްނާ ހާލަތްތަކުގެ ތެރެއަށް، 50 ކޮތަޅަށްވުރެ ގިނަ ކޮތަޅު ހުންނަ ބޮނޑިތައް އިތުރުކޮށް، އެއިން ފީ ނެގުން ހުއްޓާލުމެވެ.
މި ބިލުގައި ކޮތަޅުގެ ފީގެ އިތުރުން، ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ ބަދަލުތަކެއް ހިމަނާފައިވެއެވެ. އެގޮތުން، އިގްތިސާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ސިޔާސަތުތައް އެކުލަވާލުމާއި، ކުނި މަރުކަޒުތަކާއި ބޭނުންކުރާ ވަސީލަތްތައް ވަކި މިންގަނޑުތަކަކަށް ފެއްތުން ހިމެނެއެވެ. މި ހުރިހާ ކަމެއްވެސް ކުރިއަށްދާންވާނީ ޤައުމީ މާސްޓާ ޕްލޭނާ އެއްގޮތަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ސަރުކާރުން އުންމީދު ކުރަނީ މި އިސްލާހުތަކުގެ ސަބަބުން ގާނޫނު ތަންފީޒުކުރުމުގައި މިހާރު ހުރި ދަތިތަކަށް ހައްލެއް ލިބި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ފިހާރަތަކުން ދޫކުރާ ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ލާޒިމްކުރާ ގާނޫނު ފުރަތަމަ ފާސްކޮށްފައިވަނީ 18 ޑިސެމްބަރު 2020 ގައެވެ.



