ބޮޑީބޯޑިންގ ވޯލްޑް ޓުއަރގެ ރާއްޖޭގައި ބާއްވާ އެޑިޝަން ކަމަށްވާ "މޯލްޑިވްސް ޕްރޯ 2026" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި މުބާރާތް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިއުއެވެ.
މިކަމާ ގުޅޭގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ 2022، 2023 އަދި 2024 ވަނަ އަހަރު ބޭއްވުނު ކާމިޔާބު އެޑިޝަންތަކަށްފަހު، މި މުބާރާތް ރާއްޖޭގައި ބާއްވާ ހަތަރުވަނަ ފަހަރު ކަމަށެވެ.
މި މުބާރާތުގެ ސަބަބުން ބައިނަލްއަޤްވާމީ ކުޅިވަރުތަކާއި، "ސްޕޯޓްސް ޓޫރިޒަމް" ނުވަތަ ކުޅިވަރު ފަތުރުވެރިކަމުގެ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އޮތް މަޤްބޫލުކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ރާފިއު ވިދާޅުވީ، މިފަދަ މަތީ ފަންތީގެ ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ މަޤްޞަދަކީ ހަމައެކަނި ދުނިޔޭގެ އެންމެ މޮޅު އެތުލީޓުންނަށް މަރުޙަބާ ކިޔުން އެކަނި ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ދިވެހި އެތުލީޓުންނަށް އެންމެ މަތީ ފަންތީގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމަކީވެސް މިފަދަ މުބާރާތްތައް ބޭއްވުމުގެ މުހިންމު ބޭނުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.



